އެމެރިކާގެ ސަރުކާރަށް އިންޑިއާގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާއަށް ވޯޓު ނުލެވުނު ނަމަވެސް، އޭނާގެ ދަރިފުޅު މާލްތީ މޭރީ ޖޯނަސްއަށް އެއްދުވަހުން އެ ގައުމަށް ވޯޓު ލެވޭނެކަމުގައި ޕްރިޔަންކާ ބުނެފި އެވެ.

ޕްރިޔަންކާ މިހެން ބުނީ، ދާދި ފަހުން އެމެރިކާގެ ނައިބު ރައީސާ، ކަމަލާ ހެރިސްއާ ބައްދަލުވިއިރުގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. އެ ޕޯސްޓު ހިއްސާކުރަމުން ޕްރިޔަންކާ ވަނީ އެމެރިކާގެ ސަރުކާރަށް ވޯޓުލުމުގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

އެގޮތުން ޕްރިޔަންކާއަށް އެމެރިކާގެ ސަރުކާރަށް ވޯޓު ނުލެވުނު ކަމުގައި ވީ ނަމަވެސް، އޭނާގެ ފިރިމީހާ، ނިކް ޖޯނަސްއަށް ވޯޓު ލެވޭނެ ކަމަށާއި، އެއްދުވަހުން އެ ދެމީހުންގެ ދަރިފުޅަށް ވެސް އެމެރިކާގެ ސަރުކާރަށް ވޯޓު ލެވޭނެ ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.

އޭގެ އިތުރުންވެސް ޕްރިޔަންކާ ވަނީ ލީޑަޝިޕްގެ އެކި މަގާމުތަކުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކޮށްފަ އެވެ. އަދި އެފަދަ މަގާމުތަކަށް އަންހެނުން އިސްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކޭކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ. ހަމައެހެންމެ ސިޔާސީ އަދި އެހެނިހެން ދާއިރާގެ އިސް މަގާމުތަކަށް އަންހެނުން ހޮވުމުގައި ފަސްޖެހިގެން ނުވާނެކަމަށާއި، އަންހެނުން އެފަދަ މަގާމުތަކުން އެކަހެރިކުރެވިގެން ނުވާނެކަމުގައި ޕްރިޔަންކާ ބުނެފައިވެ އެވެ.

އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން އަޑު އުފުލާ ތަރިންގެ ތެރޭގައި ޕްރިޔަންކާ ހިމެނޭއިރު، އޭނާ ވަނީ ދިރިއުޅުމުގައި ހިތްވަރު އެލުވައި ނުލައި ކުރިއަށް ދިއުމާއި ގުޅޭގޮތުން އެކި ފޯރަމްތަކުގައި ވާހަކަދައްކައިފަ އެވެ. އަދި އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ޕްރިޔަންކާ ބައިވެރިވާކަން ފާހަގަކޮށްލެވެ އެވެ.