ރާއްޖެއާއި ޗައިނާއަކީ ވަރަށް ގާތް ދެ ގައުމު ކަމަށާއި، އަދި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާއެކު ރާއްޖެއިން އިންޑިއާއާއެކު އާދަޔާޚިލާފު ގާތްގުޅުމެއް ބާއްވައި، ރާއްޖެ ވަނީ ޗައިނާގެ ދަރަނި ދަންތުރައެއްގައި ޖައްސާފައި ކަމަށް ވިދާޅުވެ، ވެރިކަންކުރާ މައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަނީ ދޭތެރެ ދޭތެރެއިން ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، ރާއްޖެ- ޗައިނާ ފޮރިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ލެވެލްގައި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމާއި، އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާ އަދި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އަލުން ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ފެށުމާ ބެހޭ ގޮތުން ކަމަށް ފޮރިިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވޫ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް (އޭޝިއަން އެފެއާޒް ޑިޕާޓްމަންޓް) ޗެންގް ސޮންގް އެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ވަނީ ރާއްޖެއިން "ވަން - ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަގީންކަންދީފަ އެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި ޗައިނާ ސަރުކާރާއި ވިޔަފާރިތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ރާއްޖެއިން ޝުކުރުއަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާވިދު ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އަވަސް މުސްތަގުބަލެއްގައި ދެ ގައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށި، ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޗެންގް ސޮންގް ވިދާޅުވީ ރާއްޖެއާއި ޗައިނާއަކީ ވަރަށް ގާތް ދެ ގައުމުކަމަށާއި، އަދި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއަށް ރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި، ރާއްޖެއަކީ ޗައިނާގެ މުހިއްމު ބައިވެރިއެއް ކަމަށް ޗެންގް ސޮންގް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މިއަދުގެ މަޝްވަރާތަކުގައި ދެ ގައުމުން ވެސް ވަނީ ދެ ގައުމުގެ ގުޅުން އެކި ދައިރާތަކުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފަ އެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، އިގްތިސާދީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެޑިޝަނަލް ސެކްރެޓަރީ ޖާވިދުގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލީޝާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓަންޓް ޑިރެކްޓަ މަރިޔަމް ބައްސާމާ ފާރޫގެވެ.

ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަ ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހު ވެސް މަޝްވަރާތައް ބާއްވާފައިވެ އެވެ.