ބޮލީވުޑްގެ ކުރީގެ ބަތަލާ އުރުމިލާ މަޓޯންޑްކަރް ވެބް ސީރީޒެއް މަސައްކަތް ފަށައިފި އެވެ.

އުރްމީލާ މިހާރަކަށް އައިސް އެއްވެސް ފިލްމަކުން ފެނިގެން ގޮސްފައިނުވެ އެވެ. އެންމެ ފަހު އޭނާ ފެނިގެން ގޮސްފައިވަނީ ޒީޓީވީން މިދިޔަ މަހު ނިންމައިލި "ޑީއައިޑީ ސުޕަ މޮމްސް " ޑާންސް ރިއަލިޓީ ޝޯގެ ޖަޖެއްގެ ގޮތުގައި އެވެ.

އުރުމިލާ ފެންނަ މި ސީރީޒްކި "ތިވާރީ" ގެ ނަން ދީފައިވާ ސީރީޒެކެވެ. މީގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، ފުރަތަމަ ޕޯސްޓަރުވެސް މިހާރު ވަނީ ދައްކާލާފައެވެ. ސޯރަބް ވަރުމާ ޑައިރެކްޓުކުރާ މި ސީރީޒަކީ ސީޒަންތަކަށް ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. މީގައި ކިޔައިދޭނީ މަޔަކާއި އަންހެން ދަރިއެއްގެ ވާހަކަ އެވެ.

"ތިވާރީ" ގެ ޕްރޮޑިއުސަރުންނަކީ ޑރ. ރާޖް ކިޝޯރް ކަވާރޭ އާއި އުތުޕާލް އަޗާރިއާ އެވެ. ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި ގެނެސްދޭން ޕްލެޓްފޯމެއް އަދި ހާމައެއް ނުކުރެ އެވެ.

އުރުމިލާ ޓައިޓުލް ރޯލު ކުޅޭ މި ސީރީޒްގައި އޭނާ ކުޅޭނީ ވަރަށް ތަފާތު ރޯލެކެވެ.

ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ބަތަލާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ރަންގީލާ"، "ސަތިއާ"، ޕިންޖަރު"، "ބޫތު"، "ޖުދާއީ"، "ކޯން" އަދި "އޭކް ހަސީނާ ތީ" ހިމެނެ އެވެ.

މިހާރު އުމުރުން 48 އަހަރުގެ އުރްމިލާ ފިލްމަކުން އެންމެފަހުން ފެނިފައިވަނީ 2014 ވަނަ އަހަރު ރިލީޒްކުރި މަރާތީ ފިލްމު "އަޖޯބާ"އިންނެވެ. އަދި 2018 ވަނަ އަހަރު ނެރުނު ފިލްމު "ބެލްކްމެއިލް"ގެ ލަވައަކުން ސްޕެޝަލް އެޕިއަރެންސެއްގެގޮތުގައި އޭނާ ފެނުނެވެ.

ފިލްމީ ދާއިރާއިން ދުރުގައި ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ސިޔާސީ ދާއިރާގައި ވެސް އުރުމިލާ މަސައްކަތް ކޮށްފައިވެ އެވެ.