އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތުގައި 28.3 މިލިއަން ރުފިޔާގެ ހިޔާނާތް ވެފައިވާ ކަމަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ "އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް 2018 – 2020" ގައި ވަނީ އެފްއެސްއެމްއާއި، އެމްޕީއެލް މުވައްޒަފުން ގުޅިގެން ބޮޑެތި ހިޔާނާތްވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މާލެ ކޮމާޝަލް ހާބަރުގައި އެމްޕީއެލްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ބޭނުމަށް އެފްއެސްއެމްއިން ވިއްކި ޑީސަލްގެ ތެރެއިން 28.3 މިލިޔަން ރުފިޔާގެ ޑީސަލް ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރި ކަމަށް ރިކޯޑްކޮށްފައިވާ ޑީސެލްގެ ތެރެއިން ގެއްލުނު 9.6 މިލިޔަން ރުފިޔާގެ ޑީސަލާއި، ޓަގު ބޯޓުތައް އޮޕަރޭޓްކުރުމަށް ކަމަށް ބުނެ ދޫކުރިކަމަށް ރިކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18.5 މިލިޔަން ރުފިޔާގެ ޑީސަލާއި، އާރުޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރި ކަމަށް ރިކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616 ރުފިޔާގެ ޑީސަލް ކަމަށެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގަނެފައިވާ ޑީސެލްގެ ތެރޭގައި އެމްޕީއެލްހެ ޓަގު ބޯޓުތަކަށް އެޅުމަށް ހުޅުމާލޭ ޖެޓީ ސަރަހައްދަށް އެފްއެސްއެމްގެ ބައުޒަރުތަކުން ސަޕްލައި ކޮށްފައިވާ 799،900 ލީޓަރު ނުވަތަ 7.2 މިލިޔަން ރުފިޔާގެ ޑީސެލް ހިމެނޭއިރު އެމްޕީއެލްގެ ޓަގު ބޯޓުތަކަސް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ނާޅާކަމަށް ޓަގުބޯޓުގެ ކެޕްޓަނުން މައުލޫމާތު ދީފައިވާ ކަމަށް، އަދި ޓަގު ބޯޓުގެ އޮޕަރޭޝަންގައި ބޭނުން ކޮށްފައިނުވާ މުއްދަތުގައި ވެސް އެ ޓަގު ބޯޓަށް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ނޯޓުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކަށް ބޭނުންވާ ޑީސެލް ހޯދުމަށް 2018 އިން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޔުނިޓްތަކުން އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށް އަދި ތަރީހު ބަދަލު ކުރުމަށްފަހު ތައްޔާރުކޮށްފައިވާ، 13.42 މިލިޔަން ރުފިޔާގެ ތެޔޮ (1.40 މިލިޔަން ލީޓަރުގެ ތެޔޮ) ހިމެނޭ ފޯޖުކޮށްފައިވާ ފޯމުތަކާއި އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކުން ތެޔޮ ހޯދުމަށް އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް މިހިޔާނާތް ހިންގުމަށް ބޭނުންކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްޕީއެލްއިން މާލޭގެ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކުގެ މިންވަރަކަށް ބަލާއިރު 2020 ވަނަ އަހަރަކީ ކޯވިޑްގެ ސަބަބުން ރާއްޖެއަށް ގެނައި މުދަލާއި ބަނދަރުގެ އޮޕަރޭޝަންތައް 2021 ވަނަ އަހަރު ރާއްޖެއަށް ގެނައި މުދަލާއި ބަނދަރުގެ އޮޕަރޭޝަންތަކަށް ވުރެ ކުޑަ އަހަރަކަށްވީ ނަމަވެސް، 2020 ވަނަ އަހަރު ގަނެފައިވާ ޑީސެލްގެ އަދަދު 2021 ވަނަ އަހަރު ގަނެފައިވާ ޑީސެލްގެ އަދަދަށް ވުރެ، 59 ޕަސެންޓް އިތުރުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެމްޕީއެލްގެ ތެލުގެ ވަގު ފިޔަފާރީގެ އަގު މީގެ ކުރިން އެނގިފައިއޮތީ 8 މިލިއަން އަރާ ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓާއެކު އެ އަގު 28 މިލިއަނަށް ވުރެ މައްޗަށް އަރާކަން މިވަނީ ހާމަވެފަ އެވެ.