ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ ތައުރީފް ކުރައްވައިފި އެވެ.

ރަސްގެފާނު ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ތައުރީފް ކުރެއްވީ ރައީސް ސޯލިހު މިހާރު ބަހުރެއިންއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ރައީސްގެ ދެކަނބަލުން ރަސްގެފާނުގެ ގަނޑުވަރު، ޤުޟައިބިއްޔާ ޕެލެސްއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ސޯލިހާއި ބަހްރައިންގެ ރަސްގެފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ދެ ގައުމުގެ ގުޅުން އާ މަރުހަލާއަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހު ބަހުރެއިންއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަމާއި އަދި، މި ދަތުރުފުޅަކީ އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔަ ކާމިޔާބު ދަތުރުފުޅެއްކަން ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ ރައީސްގެ ދެކަނބަލުންނާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދުގެ ބޭފުޅުންނަށް ބަޙްރައިންއިން ވިދާޅުވި ހޫނު މަރުޙަބާއަށާއި ދެއްވަމުންގެންދަވާ މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެއާއި ބަހުރެއިނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަތަކަށްފަހު ދެ ބޭފުޅުން ވަނީ ވަކިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. ދިވެހިރާއްޖެ އާއި ބަހުރެއިނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 މާރޗް މަހުގެ 24 ވަނަ ދުވަހުގަ އެވެ.