ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީ އަކީ އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ފަންނާނެކެވެ.
ހަމައެހެންމެ އިމްރާނުގެ ދިރިއުޅުމާއި ގުޅޭ އެކި ވާހަކަތަކަކީ ވެސް އިމްރާންގެ ފޭނުން ބަލަން ބޭނުންވާ ވާހަކަތަކެވެ.
އެގޮތުން އިމްރާންގެ ހަޔާތުގައި އޭނާ އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއްކަމަކީ މިހާތަނަށް އޭނާގެ ދިރުއުޅުމުގައި ދިމާވި ދަތިކަމުގެ ވާހަކަ އެވެ. އިމްރާން ފާހަގަކުރިގޮތުގައި ދިރިއުޅުމުގައި އެންމެ ބޮޑަށް މާޔޫސްކޮށްލީ އޭނާގެ ހަތަރު އަހަރުގެ އަލަތު ދަރިފުޅަށް ކެންސަރު ޖެހުމެވެ.
އެހެންނަމަވެސް އެ ހިޔާމަވެރި ދަނޑިވަޅުގައި ވެސް އޭނާ އާއި އޭނާގެ އަންހެނުން ޕަރްވީން ސަހާނީ އެއްވެސް ގޮތަކަށް އުންމީދު ކަނޑައި ނުލާކަމަށް އިމްރާން ވަނީ ބުނެފަ އެވެ. އަދި ކެރިއަރުގައި ކުރިއަށް ދިއުމަށް އެދި ޕަރްވީން އޭނާއަށް ހިތްވަރުދިން ކަމަށާއި، ކެރިއަރު ކާމިޔާބު ވުމުގެ ސަބަބުން ދަރިފުޅުގެ ސިއްހީ ކަންކަމަށް ބޭނުންވާ ހަރަދުތައް މެނޭޖު ކުރެވުނުކަމަށް އިމްރާން ބުނެފައިވެ އެވެ.
ބޮލީވުޑްގައި އިމްރާން އެންމެ ބޮޑަށް ފާހަގަކޮށްލެވިފައިވަނީ، ގައިގޯޅިކޮށް މަންޒަރުތައް ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް އެކަމަކީ އެއްވެސް ހާލެއްގައި އެދެމަފިރިންގެ ޒަވާޖީ ހަޔާތަށް ބުރޫ އެރި ކަމެއް ނޫންކަމުގައި އިމްރާން ބުނެފައިވެ އެވެ.