ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީއިން ބުނީ ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަޙުޤީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، އުސޫލުތަކާއި ހިލާފަށް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 ވަނަ ދުވަހާ ހަމައަށް އޭސީސީގެ ހާއްސަ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތެރިވެފައެވެ. އަދި 30 ސެޕްޓެމްބަރުގައި އޭސީސީއިން ވަނީ މި މައްސަލައިގެ ތަޙުޤީގުވަނީ ނިންމާފަ އެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު، މިކަމާގުޅިގެން ދައުވާކުރެވޭނެ މީހުންގެ މަޢުލޫމާތު ހިމެނޭހެން އިތުރު ތަފްޞީލު މިއޮފީހުން ހާމަކުރަމުން ގެންދާނެކަމަށްވެސް އޭސީސީއިން ބުނެ އެވެ.

އެލްޖީއޭ އިން އެކުލަވާލާފައިވާ ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިންގެ ރިޕޯޓެއްގައިވާގޮތުން ބައެއް ކައުންސިލަރުންނާއި ބައެއް އިދާރީ މުވައްޒަފުންގެ ބޭންކު އެކައުންޓަށް ކައުންސިލްގެ ފައިސާގެ ތެރެއިން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަދެފައިވެ އެވެ. ނަމަވެސް އެ ފައިސާ އަކީ ކީއްކުރަން އެ އެކައުންޓްތަކަށް ޖަމާކުރި ފައިސާއެއްކަން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ކައުންސިލުން ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެ ރިޕޯޓްގައި ވަނީ ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ކައުންސިލްގެ އިދާރީ މުވައްޒަފެއްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. ނަމަވެސް ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް އަދާކުރި ކަމުގެ ލިޔުމެއް ފެންނަން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ކައުންސިލަށް ބޭނުންވާ ތަކެތި ގަނެފައި ވަނީ ވެސް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެ ރިޕޯޓްގައިވާގޮތުން އެއްވެސް ލިޔެކިޔުމެއް ނެތި އެންމެ ގައިން ފައިސާ ޖަމާކޮށްފައި ވަނީ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަަލީފުޅުގެ އެކައުންޓަށެވެ. އެއީ 711،617 ރުފިޔާ އެވެ.

ކައުންސިލް މެންބަރު މުޙައްމަދު ޝާމްގެ އެކައުންޓަށް 447،837 ރުފިޔާ ޖަމާވެފައިވެއެވެ. އަދި ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަޙްމަދުގެ އެކައުންޓަށް 237،548 ރުފިޔާ ޖަމާވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަޙްމަދަށް ލިބުނު ފައިސާގެ އަދަދު 252،048 ރުފިޔާ އަށް އަރައެވެ.

ކައުންސިލް މެންބަރު ޒުހުދާ އާދަމް އަށް 181،666 ރުފިޔާ، ސެކެޓްރީ ޖެނެރަލް މުޙައްމަދު ނާސިހް އަށް 165،200 ރުފިޔާ، ކައުންސިލް މެންބަރު އަޙްމަދު ސަމޫހް އަށް 128،696 ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. ހަަމައެހެންމެ ކައުންސިލް މެންބަރު އައިމިނަތް ސަލާހް އަށް 119،535 ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.