މިދިޔަ ސެޕްޓެމްބަރު މަހު މާލެ ސަރަހައްދުގައި ކައިވެންނަށް ވުރެ ވަރީގެ މައްސަލަތައް ގިނަ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ނިމިދިޔަ މަހު 153 ކައިވެންޏެއް ކޮށްފައިވާއިރު، 102 މީހަކު ވަރިވުމަށް ހުށަހަޅާފައިވެ އެވެ. އެގޮތުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވަރިވުމަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފަ އެވެ.

ފެމިލީ ކޯޓުން ހާމަކޮށްފައިވާ ގޮތުން ވަރިވުމަށް 63 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި ވަރި ސާބިތުކުރަން 46 މައްސަލައެއް ހުށަހަޅާފައިވާއިރު، ވަރިކުރަން 24 މައްސަލައެއް ހުށަހެޅި ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، އޮގަސްޓް މަހު ނުނިމި ހުރި މައްސަލަތަކާ އެކު މިދިޔަ މަހު ވަރީގެ 141 މައްސަލައެއް އެ ކޯޓުން ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.

ހަމައެހެންމެ އެންމެ ގިނައިން އެ ކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި ވެސް ހިމެނެނީ ވަރީގެ މައްސަލަތައް ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ. ދެން އެންމެ ގިނައީ އައިލީ އެހެނިހެން މައްސަލަތަކާއި، ކުޑަކުދިންނާއި ގުޅޭ އެކި މައްސަލަތައް ކަމަށް ފެމިލީ ކޮޓުން ހާމަކޮށްފައިވެ އެވެ.