މި ދުވަސްކޮޅު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދާ ޖޯޑަކީ ހަމަގައިމު ވެސް ސިދާތް މަލޯޓްރާ އާއި ކިއާރާ އަދްވާނީގެ ޖޯޑުކަމާ މެދު ޝައެއްކެއް ނެތެވެ.

މި ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއްވާ ކަމަށް ވާހަކަ ދެކެވެމުންދާތާ ގިނަ ދުވަސްތަކެއްވީ ނަމަވެސް އެ ދެ މީހުން އެކަމަށް އެއްބަސްވީ 'ކޮފީ ވިތް ކަރަން' ޝޯގަ އެވެ.

އެ ޝޯގައި ދެތަރިންވެސް ވަނީ ކައިވެންޏާއި ގުޅިގެން ވާހަކަދައްކާފަ އެވެ. އެގޮތުން ކިއާރާއާ ބައްދަލުވީތީ އުފާކުރާކަމަށާއި ކިއާރާއާ ކައިވެނި ކުރެވޭނެކަމަށް އުންމީދުކުރާކަމަށް ސިދާރްތު ބުނެފައިވާއިރު، ކިއާރާވެސް ވަނީ ކައިވެންޏަށް ތައްޔާރުވާން މަސައްކަތް ކުރާކަމަށް ބުނެފަ އެވެ. އަދި އެ ކައިވެންޏަށް ކަރަން އަށްވެސް ދައުވަތު ދޭނެކަމަށް އޭނާ ބުނެފައިވެ އެވެ.

ދެތަރިންވެސް މިހާރު ދަނީ ކައިވެންޏަށް ތައްޔާރުވަމުން ކަމުގައި ސޯޝަލްމީޑިއާގައި ހަބަރު ފެތުރެން ފަށާފައިވާއިރު، ކައިވެނި ކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކަމަށް ވަނީ ހަބަރު ފެތުރިފަ އެވެ. ނަމަވެސް އެއީ އޭޕްރިލް މަހުގެ ކޮން ދުވަހެއްގައި ކަމެއް ހާމަވެފައެއް ނުވެ އެވެ.

ކިއާރާއާއި ސިދާތް އާއި ވަނީ ދާދިފަހުން އެކުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ވެސް އައިސްފަ އެވެ. މީގެ އިތުރުން ދަރްމާ ޕްރޮޑަކްޝަންއިން އުފައްދާ "ޝޭރްޝާހް" ގައި ވެސް މި ދެ ތަރިން އެކުގައި ފެނިގެންދާނެ އެވެ.