ވިޖޭ ދެވަރަކޮންޑަ އާއި ރަޝްމިކާ މަންޑަންނާ އަނެއްކާ ވެސް ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.

މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ނޫސްތަކުގައި ދެތަރިން ލޯބީގެ ގޮތުން ގުޅުނުކަން ދެތަރިންވެސް ހާމަކޮށްފައިވާއިރު، އެ ދެތަރިން ވެސް ދެ އަހަރުދުވަހު އެކީގައި އުޅެފައިވެ އެވެ. ނަމަވެސް ދެ އަހަރަށްފަހު ދެތަރިން ވަކިވީ ކޮން ސަބަބަކާ ހެދި ކަމެއް ސީދާ އެ ދެ ތަރިން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ދާދި ފަހުން ދެ ތަރިން އެކީގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވުމާއެކު އަނެއްކާވެސް ރަޝްމިކާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅުނުކަން އާންމުންނަށް ވަނީ ހާމަވެފަ އެވެ.

ވިޖޭ އަލުން ރަޝްމިކާއާ އެކު ލޯބީގެ ގޮތުން ގުޅުނީ، އޭނާ އެންމެ ފަހުން ކުޅުނު ބޮލީވުޑް ފިލްމު "ލައިގަރް" ފްލޮޕްވުމުން އެކަމުގެ ހިތާމައިގައި ކަމަށް ވެސް އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައިވެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސައުތުގެ މި ދެ ތަރިން އަނެއްކާ ވެސް ލޯބީގެ ގޮތުން ގުޅުމަކީ ފޭނުންގެ ތަރުހީބު އިތުރުވި ކަމެކެވެ. އާންމުންނަށް ރަޝްމިކާ އާއި ވިޖޭގެ ޖޯޑު ކަމުގޮސްފައި ވަނީ އެ ދެ ތަރިންގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ގީތާ ގޮވިންދަމް" އާއި "ޑިއާ ކޮމްރޭޑް" އިންނެވެ.