ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ފުވައްމުލައް ސިޓީގެ އިބަމަ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި އިބަމަ މެންބަރުން ވަނީ ފުވައްމުލައް ސިޓީގެ އިބަމައިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު މެޑަމް ފަޒްނާ އާ ވަނީ ހިއްސާކުރައްވާފަ އެވެ. އަދި އިބަމައިގެ މަސައްކަތްތައް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކުގެ މައްޗަށް މެންބަރުންގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވެ އެވެ.

މެންބަރުންގެ ވާހަކައިގައި، އިބަމައިގައި ހިމެނޭ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އިބަމަ އުފެއްދުމާއެކު މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކުރިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުލިބި، އެފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބި، މުއައްސަސާތައް ގުޅިގެން އަވަސް ހައްލު ގެނައުމަށް މަގުފަހިވެފައިވާ ކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި އިބަމައިގެ މަސައްކަތްތަކުން އުންމީދެއް ލިބިއްޖެ ކަމަށާއި ވަކިވަކި އިދާރާތަކުން މީގެ ކުރިން ކުރަން ބޭނުންވެ ނުކުރެވި ހުރި އެތައް ކަމެއް އިބަމައިގެ ތެރެއިން އިދާރާތަކުގެ ގުޅުމުގެ ތެރެއިން ކުރެވިގެންދާތަން ފެނިވަޑައިގަަތުމުން އުފާކުރައްވާކަމުގައި ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ޖެންޑާ މިނިސްޓަރު ޢާއިޝަތު މުހައްމަދު ދީދީގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިބަމައަކީ ދިވެހި މުޖުތަމަޢުގައި އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެހާ ހިއްސާވާ ފަރާތްތައް ގުޅިގެން ވަށާޖެހޭ ގޮތެއްގައި، މާލެ ސިޓީ ފިޔަވައި، ދިވެހިރާއްޖޭގެ މީހުން އުޅޭ ރަށްރަށުގަ އާއި ސިޓީތަކުގައި އެކުލަވާލާ މަދަދުވެރިންގެ ޓީމުތަކެކެވެ.