ޔޫރަޕް (13 އޮކްޓޯބަރު) - ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވާ ނަމަ ޔޫރަޕްގެ އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ބުރުގާފަދަ ބޯ ނިވާ ވާ ފަދަ ތަކެތި ބޭނުން ކުރުން މަނާ ކުރެވިދާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ކޯޓަކުން ނިންމައިފި އެވެ.

މި މައްސަލައަކީ މުސްލިމް އަންހެނަކު ވަޒީފާގައި ބުރުގާ އެޅުން އޭނާގެ ކުންފުނިން މަނާ ކުރުމުން އެ މުވައްޒަފު ކޯޓަށް ހުށައެޅި މައްސަލަ އެކެވެ.

އެ މައްސަލައިގެ ހުކުމުގައި ވާ ގޮތުން ވަކި ދީނަކަށް ނުވަތަ މީހަކަށް އަމާޒުކޮށް ތަފާތު ކުރުމަކާ ނުލާ ބޯ ނިވާކުރުން މަނާ ކުރަން ބޭނުންވާ ނަމަ ކުންފުނި ތަކަށް އެ އިޚްތިޔާރު އޮންނާނެ ކަމަށެވެ.

މައްސަލައިގެ އަޑު އެހުމުގައި ދައުވާ ލިބޭ ފަރާތުން ބުނެފައިވަނީ އެ ކުންފުނީގެ އިމާރާތުގެ ތެރޭގައި ބޮލާއި އިސްތަށިގަނޑު ނިވާވާފަދަ އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ބުރުގާގެ އިތުރުން ތޮތްޕާއި ސްކާފް ފަދަ ތަކެތި ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ވެސް މައްސަލަ ބެލި ގާޟީ ވަނީ ބޯ ނިވާ ކުރުމަކީ އާއްމުކޮށް ދީނީ ކަމެއްގެ ގޮތުގައި ދެކެވިފައި އޮތް ނަމަވެސް ހުރިހާ މުވައްޒަފުންނަށް އާއްމުކޮށް އެ އުސޫލު އޮންނަނަމަ އެކަން ހުއްދަވާނެ ކަމަށެވެ.

ޔޫރަޕްގެ އެކި ގައުމުތަކުގެ އާއްމު ތަންތަނުގައި މިހާރުވެސް ބުރުގާ އަޅައިގެން އުޅުމަކީޔ މަނާ ކުރެވިފައިވާ ކަމެކެވެ. -- އަލް އަރަބިއްޔާ