މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމާ ގުޅޭ ސާވޭތައް ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީއާއި ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓެރީގެ ޒިންމާތަކާ ހަވާލުވެހުންނެވި ޑިރެކްޓަރ ޖެނަރަލް އަޙްމަދު ޠަލްހަތެވެ. އަދި ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީން ސޮއިކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑާ ހިޑެއަކީ މަޓްސުމޯޓޯއެވެ.
މި އެއްބަސްވުމުގެ ދަށުން ޖައިކާގެ ހިލޭ އެހީގެ ދަށުން، މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސާވޭތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ސާވޭތައް ކުރާނީ ޖައިކާގެ ހިލޭ އެހީގަ އެވެ.
މާލޭގެ އެއްގަމު ތޮއްޓަކީ މީގެ 35 ވަރަކަށް އަހަރު ކުރިން މާލެ އަށް ފުލުފުލުގައި އެރި ބޮޑު ރާޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ޖަޕާނުގެ ސަރުކާރުގެ އެހީގައި ލާފައިވާ ތޮއްޓެކެވެ.
މާލޭގައި ފެންބޮޑުވާ މައްސަލައަކީ ފަހަކަށް އައިސް ބޮޑުވެފައިވާ މައްސަލައެކެވެ. ފެންހިންދާ ނިޒާމަށް ދިމާވެފައިވާ މައްސަލައާއި ގުޅިގެން އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަންޖެހޭތީ ޝަކުވާ ވަނީބޮޑުވެފަ އެވެ.