ފާއިތުވެ ދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ރާއްޖޭގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި ދިވެހި ސަރުކާރާ ގުޅިގެން ކަނޑު އަޑީގެ ދިރާސާތަކެއް ކުރި ވާހަކަ އެވެ. ކަނޑުގެ އަޑިން އެތައް ސަތޭކަ މީޓަރަކަށް ފީނައިގެން ފޮޓޯއާއި ވީޑިއޯ ނަގާފައިވާއިރު އެއީ އަދި މިހާތަނަށް ދިވެހި ކަނޑުތަކުގައި އެއްވެސް ބަޔަކަށް ކުރެވިފައިވާ ކަމެއް ކަމަކަށް ނުވެ އެވެ.

އެހެންކަމުން މި ދިރާސާގެ ނިމުން ވަރަށް ކުލަގަދަކޮށް ސަރުކާރާއި ނެކްޓަން ކުންފުނިން ވެސް ފާހަގަކުރި އެވެ. ރީތި ކުލަކުލައިގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކުރި އެވެ.

ސަރުކާރުންނާއި ނެކްޓަނުން ވެސް ބުނަމުން ގެންދަނީ ކުރެވުނު ދިރާސާތަކަކީ ދިވެހި ސަރުކާރަށް ވަރަށް މުހިންމު ދިރާސާތަކެއް ކަމަށެވެ. ސަބަބަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ބޮޑު ބައެއް ވަނީ ކަނޑާ ގުޅިފައިކަމަށް ވެފައި ރާއްޖެއަކީ ކަނޑުގެ ޖަޒީރާތަކަކަށް ވާތީ އެވެ.

ކަނޑު އަޑީގެ އެތައް ސަތޭކަ މީޓަރެއްގެ ފުނުގައި ހުރި ދިރުންތަކާއި އެ ހިސާބުގެ މުރަކަތައް ހެދިފައި ހުރި ގޮތާ އެނގިގެން ދިވެހި ރާއްޖޭގެ ތަރައްގީއަށާއި ތިމާވެށި ހިމާޔަތްކުރުމަށް ރާވާރޭވުންތަކަށް ކުރާނެ މުހިންމު ފައިދާތަކަކީ ކޮބައިކަން އާންމުންނަށް އެހާ ބޮޑަށް ނޭނގުނު ކަމަށް ވިޔަސް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރާއި އެންވަޔަރަމެންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓްރީގެ ތަފާތު ވެރިން ހިމެނި ވަޑައިގަންނަވާހެން މި މަސައްކަތުގައި ކަނޑުއަޑިއަށް ފީނައި ވަޑައިގެންނެވި ދިވެހި ޓީމަށް އެކަމުގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ އެވެ. މީޑިއާއަށް މައުލޫމާތު ދެއްވަމުން އެބޭފުޅުން ދެއްކެވީ އެ ވާހަކަތަކެވެ.

ނެކްޓަން މިޝަން މޯލްޑިވްސް އިން ބޭނުންކުރި އޮމެގާ ސީ މާސްޓާ 2 އިން އެންވަޔަރުމަންޓް މިނިސްޓަރު ޝައުނާ ޑައިވްކުރަނީ.

ސަރުކާރާއި ނެކްޓަން މޯލްޑިވްސް މިޝަނުން މި ކުރި ދިރާސާތަކަކީ ކިތަންމެ މުހިންމު ދިރާސާތަކެއް ކަމަށް ވިޔަސް އެ ދިރާސާތަކުން ހޯދި މައުލޫމާތުގެ ސައްހަކަމާމެދު ދިވެހި ބައެއް ތަޖުރިބާކާރުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އެގޮތުން އެންމެ ފާހަގަކުރެވުނު އެއްކަމަކީ ސަތޯރަހާ އާ ބެހޭ ގޮތުން ނެކްޓަން މޯލްޑިވްސް މިޝަނުން ހާމަކުރި މައުލޫމާތުތަކެވެ.

"ނެކްޓަން އިން އެއްކުރި މައުލޫމާތަށް ބަލާފައި އެ ފަރުބަދައިގެ ކޮޅު، ނުވަތަ ކުންނު ވަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 300 މީޓަރު އަޑީގައި ކަމަށް ބުނީމާ މިވާހަކަ ގަބޫލު ކުރަންވީތޯ" ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ އަލީ އަފްސަހު އޭނާގެ ފޭސްބުކްގައި ލިޔުނެވެ.

އަފްސަހު އެ ކަންބޮޑުވުން ފާޅުކުރީ ސަތޯރަހާގެ އުސް މިނާ ބެހޭ ގޮތުން ނެކްޓަން އިން ހާމަކުރި މައުލޫމާތުގައި އެ ފަރުބަދަ ނުވަތަ އެ ތިލަ ވަނީ ކަނޑުގެ ސަތަހައިން 300 މީޓަރުން އަޑީގައި ކަމަށް ބުނެފައިވާ ބުނުމަށެވެ.

އަފްސަހުގެ އެ ކަންބޮޑުވުމަށް ދާއިރާގެ ތަޖުރިބާކާރު އެހެން ބައެއް ފަތާރްތަކުން ވެސް ތާއީދުކޮށްފައިވެ އެވެ.

އަފްސަހު އޭނާގެ ކަންބޮޑުވުން ހިއްސާ ކުރަމުން އިތުރަށް ލިޔެފައިވާ ގޮތުން ހުވަދޫ ކަނޑުގައި އޮންނަ މި ތިލައާ ބެހޭ ގޮތުން މިހާތަނަށް ގިނަ ދިރާސާތަކެއް ކޮށްގެން ތައްޔާރުކުރެވިފައިވާ އެއް މެޕް ކަމަށްވާ ނެވިއުނިކް ބޯޓީންގައި ވާގޮތުން ސަތޯރަހާގައި 30 މީޓަރު ތިލަ ބޮޑު ސަރަހައްދެއް އޮވެ އެވެ. މީގެ އިތުރުން ބައެއް މަސްވެރިން ބުނާގޮތުން އެ ތިލައިގެ ކޮޅު މޫސުން ރީތި ދުވަސްވަރު ވިހި ތިރީސް މީޓަރު އަޑިން ފެންނައިރު ނެކްޓަނުން ބުނާ 300 މީޓަރުގެ ފުންމިނަކީ ގަބޫލު ކުރަން ދަތި މިނެކެވެ. އެހެންކަމުން އެ މައުލޫމާތު އެއްކުރި ގޮތާމެދު ސުއާލު އުފެއްދުމުގެ ފުރުސަތު އެބަ އޮތެވެ.

ހުވަދޫ ކަނޑުގެ މެދުގައި އޮންނަ ތިލަ، ސަތޯރަހާ އާ ބެހޭ ގޮތުން ނެކްޓަން މޯލްޑިވެސް މިޝަނުން މުހިންމު މައުލޫމާތުތަކެއް ކަމަށް ބުނެ އާންމު ކޮށްފައި ވަނީ މައިގަނޑު ދެ ވާހަކައެކެވެ. އެއީ އެތިލައަކީ ކަނޑު އަޑީގައިވާ ފަރުބަދައެއް ކަމާއި އެ ފަރުބަދައިގެ އެންމެ އުސް ކުންނު ހުރީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 300 މީޓަރުގެ އަޑީގައި ކަމަށެވެ. މި މައުލޫމާތުތަކަށް ބަލާއިރު ސަތޯ ރަހާއަކީ ކަނޑުގެ އަޑީގައި އުފެދިފައިވާ ފަރުބަދައެއް ކަމުގައި ބުނާ ބުނުމަކީ އާ ވާހަކައެއް ނޫނެވެ. ހުވަދޫ ކަނޑާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ސައިންޓިފިކް ދިރާސާތަކަކުން ވެސް އެ ތިލައަކީ ކަނޑު އަޑީގެ ފަރުބަދައެއްކަން ސާބިތުކޮށްދީފައި އެބަހުއްޓެވެ.

ނެކްޓަން މިޝަން މޯލްޑިވްސްގެ ޓީމުގެ މެމްބަރުން ރާއްޖޭގައި ކުރި ދިރާސާއަކަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.

މި ސުރުޚީގައި ވަރަށް ތަފުސީލު ލިއުމެއް މީދޫ.ކޮމް ގައި ޒުހުރީ ލިއުއްވާފައިވެ އެވެ. މެރިން އެންޑް ޕެޓްރޯލިއަމް ޖިއޮލޮޖީ ޖާނަލްގެ 43 ވަނަ އަދަދުގައި ޝާއިއު ކޮށްފައިވާ ސައިންޓިފިކް ދިރާސާތަކުގެ މައުލޫމާތުތަކަށް ހަވާލާ ދެއްވައި ޒުހުރީ ލިއުއްވާފައިވާގޮތުގައި ސަތޯ ރަހާއަކީ ހުވަދޫ ކަނޑުގެ މެދަށް މީގެ ޒަމާންތަކެއްގެ ކުރިން ގެނބިފައިވާ އަތޮޅެކެވެ. މި މައުލޫމާތަކީ ޖަރުމަނުގެ ހަމްބާގު ޔުނިވާސިޓީން ހުވަދޫ ކަނޑުގައި ކުރި ސައިންޓިފިކް ދިރާސާއަކަށްފަހު ހާމަކޮށްފައިވާ މައުލޫމާތެކެވެ.

އެ ދިރާސާތަކުގެ އަލީގައި އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން ހުވަދޫ ކަނޑުގައި އޮންނަ ތިލަ، ނުވަތަ ގެނބިފައިވާ އަތޮޅު އޮންނަނީ ތިން ބަޔަކަށެވެ. އޭގެ ތެރެއިން އެންމެ ތިލަ ހިސާބުގެ ފުންމިނަކީ 11 މީޓަރެވެ.

ނެކްޓަން މިޝަނުން ސަތޯ ރަހާގެ ސިއްރުތައް ހޯދުމުގެ ނަމުގައި ކުރި ދަތުރުގައި އެ ސަރަހައްދަށް ފީނައިފައެއް ނުވެ އެވެ. ކަނޑުގެ އަޑިއަށް ފީނުމުގެ ކުޅަދާނަކަން ލިބިފައިވާ ދެ އުޅަނދާއެކު ނެކްޓަން މޯލްޑިވްސްއިން ރާއްޖޭގެ ކަނޑުތަކަށް ފީނައި ކުރި ދިރާސާތަކުގައި ދިވެހިންނަށް އެހާ މުހިންމު ސަރަހައްދަށް ފީނުމަކާ ނުލައި އާންމުކުރި މަދު މައުލޫމާތުތަކަކީ ހުވަދޫކަނޑާ ބެހޭ ގޮތުން ދުނިޔޭގެ ފުންނާބު އުސް މެރިން ސައިންސާ ބެހޭ އިދާރާތަކުން ކޮށްފައިވާ ދިރާސާތަކާ ފުށުއަރާ މައުލޫމާތުތަކަށްވުމުގެ އިތުރުން އެއީ އެ ސަރަހައްދާ ގުޅުން ހުރި އާންމު ދިވެހިންނަށް ވެސް ގަބޫލުކުރަން ދަތި ވާހަކަތަކެކެވެ.