ގޭގައި ގަސް އިންދުމަކީ ރާއްޖޭގެ ގިނަ ބަޔަކު ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެހާމެ ފައިދާހުރި ފަސޭހަ ކަމަކަށް މިކަން ވާއިރު ރާއްޖެ ފަދަ ކުޑަ ކުޑަ ގައުމެއްގައި މިކަމުގެ ފައިދާތައް އިންތިހާއަށް އިތުރުވެގެންދާނެ އެވެ.
ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް މާލެއަކީ ވައިނުސާފު ތަނެކެވެ. ގޭގެ ގޯތިތެރޭގައ ނުވަތަ ބެލްކަނީގައި ނުވަތަ ޓެރަސްމަތީގައިި ގަހެއް ނުވަތަ ގަސްތަކެއް އިންދުމަކީ ގޭތެރޭގެ ވައިސާފުކޮށްދީ ގޭތެރޭގެ އުފާވެރިކަން އިހްސާސްކުރެވޭ މުހިންމު ކަމެކެވެ.
ނާސާއިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ވައިގެ ފެންވަރު ރަނގަޅުކޮށް ވައި ސާފްކުރުމަށް ޓަކައި އެ ސްޓޭޝަންގައި ގަސް ބަހައްޓާކަމަކީ ހަގީގަތެކެވެ. ގަސްތަކުން ވަ އިސާފުކޮށްދޭ ސަބަބަކީ ގަސްތަކުން ކާބޮންޑައިއޮކްސައިޑް އެތެރެކުރުމަށްފަހު އޮކްސިޖަން ބޭރުކުރާތީއެވެ.
ގަސްތަކުން މޭވާ ލިބިގެންދާއިރު ފޮޅިފައިހުންނަ ރީތި މާތަކުގެ ސަބަބުން ލިބިގެންދާ އުފާވެރިކަމާއި ހިތްހަމަޖެހުން އެހާމެ ބޮޑެވެ. މިގޮތުން ލުނބޯ ، މިރުސް ގަސް ފަދަ ތަކެއްޗަކީ ރާއްޖޭގައިވެސް ފަސޭހައިން ހައްދާލެވޭ ތަކެއްޗެވެ.
ގޭގައި ގަސް އިންދުމުގެ ފައިދާތަކުގެ ތެރެއިން މިންޓް، ލެމަންގްރާސް އަދި ބޭސިލް ފަދަ ގަސްތަކުން އެކި ވައްތަރުގެ ކުދި ސޫފިތައް ގެއާއި ދުރުކޮށްދޭ ކަމީވެސް ފާހަގަކޮށްލެވޭ މުހިއްމު ފައިދާއެކެވެ.