އިސްލާމްދީނަށްޓަކައި މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލި ސަނާ ޚާން ކައިވެނި ކުރި ހަބަރު ވެގެން ދިޔައީ ހޫނު ހަބަރަކަށެވެ.

ސަނާ ކައިވެނިކޮށްފައި ވަނީ މުފްތީ އަނަސްކިޔާ މިހަކާ އެވެ. ކައިވެނީގެ ރީތި ފޮޓޯތަކެއް ހިއްސާކުރި އިރު މިހާރު މިވަނީ ދެ މީހުންގެ ހަނީމޫންގެ ލޯބި ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

މި ދެމަފިރިން ހަނީމޫން ހޭދަކުރަމުން ދަނީ ކަޝްމީރުގެ ސްނޯ ފަރުބަދަތަކުގެ މަތީގަ އެވެ. ސަނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުން އޭނާ ހުރީ ފިނި ހެދުމަކާއި ރީނދޫ ކުލައިގެ އައިނެއް އަޅައިގެންނެވެ.

އެންމެ ފަހު ފޮޓޯގައި ފިރިމީހާއާއި އެކުގައި ހުރި ފޮޓޯއެއް ހުރިއިރު އެ ފޮޓޯގެ ކެޕްޝަންއެއްގެ ގޮތުގައި ލިޔެފައިވަނީ "ހެވަން" ނުވަތަ "ސުވަރުގެ" މިހެންނެވެ. އަދި އޭނާގެ ފޮޓޯތައް ނަގައިދިނީ ފިރިމީހާ ކަމަށް ލިޔެފައިވެ އެވެ.

https://www.instagram.com/p/CIqFBsfglk7/?utm_source=ig_embed

މިދިޔަ ދުވަސްތަކުގައި ސަނާ ދިޔައީ އޭނާގެ އިންސަޓަގްރާމް މެދުވެރިކޮށް އޭނާގެ ފޮލޯވަރުންނަށް ކަޝްމީރުގެ ރީތި މަންޒަރުތައް ދައްކަމުންނެވެ.

އޮކްޓޯބަރު މަހުުގެ ތެރޭގައި ސަނާ ވަނީ ދީނަށްޓަކައި މުނިފޫހި ފިލުވުމުގެ ދާއިރާ ދޫކޮށްލާކަން އިއުލާނުކޮށްފަ އެވެ. އޭގެ މަހެއްހާ ދުވަސްފަހުން ނޮވެމްބަރު މަހު އޭނާގެ ކައިވެނީގެ ފޮޓޯއަކާ އެކު މުފްތީ އަނަސްއާއި ކައިވެނި ކުރިކަން އިއުލާނު ކުރި އެވެ.

ކައިވެންޏަށް ފަހު ސަނާ ވަނީ އޭނާގެ ނަން "ސައްޔިދު ސަނާ ޚާން" އަށް ބަދަލުކޮށްފަ އެވެ.