މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސ. ހުޅުމީދޫ ފަޅުގެއަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ވަނީ މިމަހުގެ 16 ވަނަ ދުވަހު އޮޕަރޭޝަނެއްގައި ހިންގާފަ އެވެ. އަދި އެ އޮޕަރޭޝަނުގައި އެ ރަށު ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.