ބޮލީވުޑްގެ މަޝްހޫރު ތަރި، އާލިއާ ބަޓް އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު، އަންނަ މަހުގެ ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހު ކުރީ ކޮޅު އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަތަލާ އާލިއާ ވިހެއުމަށް ނިންމާފައި ވަނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރަށް އެންމެ ފަހު ފަރުވާދިން ހޮސްޕިޓަލުގަ އެވެ. ކެންސަރު ބައްޔަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރިޝީ ކަޕޫރު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.

ރިޝީ މަރުވީ ސައުތު މުމްބާއީގެ އެޗްއެން ރިލައިންސް ފައުންޑޭޝަން ހޮސްޕިޓަލްގަ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ރަންބީރްގެ ފަރާތުން ރިޝީ އަށް ކިޔާ ކާފަ ދަރިފުޅު ވިހާނީ އެ ހޮސްޕިޓަލްގަ އެވެ. މިދިޔަ އޭޕްރީލް މަހު އެ އާލިއާ އާއި ރަންބީރު ކައިވެނިކުރިއިރު އާލިއާ ބަލިވެކަން އިއުލާން ކުރީ ޖޫން މަހު އެވެ.

އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު

އެހެންވެ ކައިވެންޏަށް ދެ މަސް ވެސް ނުވަނީސް އާލިއާ ބަލިވެއިންކަން އިއުލާންކުރުމުން ގިނަ ބަޔަކު ދެކެނީ ކައިވެނިކުރީ ބަނޑުބޮޑުވި ފަހުން ކަމަށެވެ.

އާލިއާ ބަލިވެއިނުމާ ގުޅިގެން އޭނާ ކުޅެން ފަށާފައި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް ވަނީ ފަސްކޮށްފަ އެވެ. ކުރިން އަންނަ އަހަރުގެ އެޕްރީލް 10 ގައި ސިނަމާތަކަށް ގެންނަން އޮތް ފިލްމުގެ ލަވައެއް، އާލިއާ ބަލިވެއިނުމުން އޮތީ ޝޫޓްނުކުރެވި އެވެ.

އެހެންވެ ކަރަން ބުނެފައި ވަނީ އެ ލަވަ ޝޫޓްކުރާނީ އާލިއާ ވިހާފައި ހަށިގަނޑު ކުރީގެ ބައްޓަމަށް އައުމުން ކަމަށެވެ.