މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމް އަންނަ މަހުގެ 12 ވަނަ ދުވަހު ދިނުމަށް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މީޑީއާ ކައުންސިލުން ބުނީ މިއަހަރު 12 ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ޤާނޫނީ، ވިޔަފާރިއާއި އިގުތިޞާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އެންމެ އުންމީދީ ނޫސްވެރިޔާ، އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ހިމެނެ އެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކުން 82 ހުށަހެޅުން ލިބިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ބޭނުމަކީ، މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުމާއި، ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުންދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިއަށްގެންދިއުމެވެ.