މާލެ ސަރަޙައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އާންމުންނަށް އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ މިއަހަރުގެ ޖުލައި 26 އަށް ކުޑަގިރި ހުޅުވަން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެރަށުގައި ގާއިމްކުރަންޖެހޭ ވަސީލަތްތަކާއި ރަށް ފެހި ކުރުމަށްޓަކައި ކުޑަގިރި ހުޅުވުން ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ ކުޑަގިރި ފެހި ކުރުމުގެ މަސައްކަތްތައް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމަށެވެ. އެ ރަށުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އަންނަ މަހު އެރަށް އާއްމުންނަށް ދަތުރު ދިއުމަށް ހުޅުވާލެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވާނީ ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކްދާނެ ރަށެއް ހަމަޖައްސައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. ފުރަތަމަ ހާއްސަކުރީ އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެކެވެ. ގާތްގަނޑަކަށް 3.3 ހެކްޓަރުގެ އެތަން ބޭނުންކުރަން ނިންމިއަސް ފަހުން ސަރުކާރުގެ ނިންމުމަކަށް ވީ ކުޑަގިރި ތަރައްގީ ކުރުމެވެ.

ކުޑަގިރި

މާލެ އާއި 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.

އެ ރަށުގައި މިސްކިތަކާއި އާއްމުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތައް ވެސް ވަނީ ހަދައިފަ އެވެ. ގާތްގަނޑަކަށް 41 މިލިއަން ހޭދަކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގައި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ވަނީ ނިމފަ އެވެ.

ޕިކްނިކް އައިލެންގެ މަސައްކަތް ކުރަނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެންނެވެ. ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރު ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވަނީ އެމްޓީސީސީ، އެމްޑަބްލިއެސްސީ ފެނަކަ އަދި ސްޓެލްކޯ އެވެ.

މާލެ ސަރަހައްދުން ދަތުރުދާ ރަށެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ކުޑަބަނޑޮހެވެ. ނަމަވެސް ފަހުން ސަރުކާރުން އެތަން ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކޮށްފަ އެވެ.