ބޮލީވުޑްގައި މިއަހަރު ނެރުނު ދެ ފިލްމެއް ކަމަށްވާ "ބްރަހްމަސްތުރާ" އަދި "ލައިގާ" ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބިފައިވާ "ބްރަހްމަސްތުރާ" އަންނަ މަހުގެ ހަތަރެއް ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރާއިރު، "ލައިގާ" މިމަހުގެ 21 ފެށިގެން އަންނަނީ ސްޓްރީމް ކުރަމުންނެވެ.

އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ "ބްރަހްމަސްތުރާ" އަކީ މިއަހަރު މިހާތަނަށް ނެރުނު އެންމެ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ވިޝުއަލް އިފެކްސްޓްގެ ބުރަ ބޮޑު މަސައްކަތްތަކެއް ހިމެނޭ ފިލްމު، ސެޕްޓްމެބަރު 9 ގައި ރިލީޒްކުރުމާ ހަމައަށް ނުވަ އަހަރު ހޭދަވެފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރުޖީ ބުނެފައިވާ ގޮތުގައި އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން މި ފިލްމު ސްޓްރީމްކުރާނީ ފަސް ބަހަކުންނެވެ. އެއީ ހިންދީ އާއި ތަމަޅަ އާއި ތެލޫގޫ އަދި މަޅަޔާލަމްގެ އިތުރުން ކަންނަޑާ ބަހެވެ.

ފިލްމަށް ލިބުނު ބޮޑު ތަރުހީބާ އެކު ދެވަނަ ބައެއް އުފައްދާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ލައިގާ މިއަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ސިނަމާގައި ރިލީޒް ކުރި ނަމަވެސް އެހާ ބޮޑު ކާމިޔާބީއެއް މިފިލްމަށް ލިބިފައިނުވެ އެވެ.

މިހާރު މިފިލްމު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ބަލާލުމުގެ ފުރުސަތު ލިބިގެންދާއިރު މިއީ މި ފިލްމަކީ ބޮކްސިންގެ ކުރިމަތިލުންތަކެއްގެ އިތުރުން ރޮމޭންސް ވެސް ފެނިގެންދާނެ ސްޕޯޓްސް ޑްރާމާއެކެވެ. ޑައިރެކްޓަރ ޕޫރީ ޖަގަންނަދުގެ މި ފިލްމަކީ ކަރަން ޖޯހަރު ކޯ ޕްރޮޑިއުސްކުރި ފިލްމްއެކެވެ. އަދި މި ފިލްމުގައި ވިޖޭ ފެންނާނީ ބޮކްސިން ތަޅާ މީހެއްގެ ރޯލުންނެވެ.