އޮސްޓްރޭލިއާއަށް ނިސްބަތްވާ މެޓް ބެޓާރިޖްއަށް އެއީ ހަމަ އާދައިގެ ދުވަހެކެވެ. އެހެން ނަމަވެސް އެދުވަހު އޭނާގެ ނަސީބު އަތުގައި ހިފައި ދިރިއުޅުން ބަަދަލުކޮށްލީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.
އާދައިގެ މަތިން އެ ދުވަހު ވެސް މެޓް ހަވީރު ފިންޏަށް ހިނގަން ނުކުތެވެ. ހަމަ އެހެން ދުވަސްތަކެކޭ ވެސް އެއް މަގަކުންނެވެ. ނަމަވެސް އެދުވަހު އޭނާގެ ލޮލުގައި އަޅައިގަތީ އެ ވެލި މަގުގައި ވަޅިލެވިފައި އޮތް ވިދުން ގަދަ އެއްޗެކެވެ.
ގާކޮޅަކާ ވައްތަރު އެ އެތި ފުރަތަމަ ފެނުމުން އެކަމާ މާ ބޮޑަށް އަޅައި ނުލައި މެޓް އަނބުރާ ދިޔައީ އޭނާގެ ފޯނު ބަލަ އެވެ. އެ ގާކޮޅު ކޮންނަ މަންޒަރު ވީޑިއޯ ކުރުމަށްޓަކަ އެވެ. އެހެން ނަމަވެސް އެއީ ކޮން އެއްޗެއްކަން އެނގުނު ނަމަ އެއާ އެންމެ ހިނދުކޮޅަކަށް ވެސް ދުރަށް ނުދާނެކަން ގައިމެވެ.
ނަސީބު ހުރިގޮތުން އެ ވިދުންގަދަ "ގާކޮޅު" ވީ އެތައް ހާސް ޑޮލަރެއްގެ އަގުހުރި ޖަވާހިރަކަށެވެ. ބަރުދަނުގައި 843 ކެރެޓް ހުރި ސެފަޔާ އަކަށެވެ.
މެޓް އެ ޖަވާހިރު ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކަށް ދޫކޮށްލާފައިވާއިރު އެ ވީޑިއޯ މިހާތަނަށް ވެސް 25000 އަށްވުރެ ގިނަ މީހުން ބަލާފައިވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މެޓްއަށް ފެނުނު ސެފަޔާ ޖަވާހިރުގެ އަގުގައި ގާތްގަނޑަކަށް 12500 އެމެރިކާ ޑޮލަރު ހުންނާނެ އެވެ. މިއީ ދުނިޔެއިން ވެސް މަދުން ނޫނީ ނުފެންނަ ޖަވާހިރެކެވެ.
ތެދެކެވެ. ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނެވެ. ތިބާގެ ދިރިއުޅުން ބަދަލުވާނީ ކޮން އިރަކު ކިހިނެއް ކަމެއް ނޭނގޭނެ އެވެ.