ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޒަމާނީ ފެންވަރުގެ އާ ހޮސްޕިޓަލެއް އަޅަން އޭޑީކޭ ހޮސްޕިޓަލުން ސޮއިކޮށްފި އެވެ.

އަލަށް މީހުން އާބާދުވަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި އެޗްޑީސީއާއި އޭޑީކޭ ހޮސްޕިޓަލުން ވަނީ އިއްޔެ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީން ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ ހުޅުމާލޭގައި އަލަށް ތަރައްގީކުރާނީ މުޅިން އާ ހޮސްޕިޓަލެއް ކަމަށެވެ. އަދި އެތަނުގެ ފެންވަރު މިހާރު ހުރި ހޮސްޕިޓަލަށް ވުރެ އެތައް ގުނައެއް ފުރިހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުރި ހޮސްޕިޓަލަށް ވުރެ މާ ފުރިހަމަ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅަން ނިންމާފައި ވަނީ. އަދި އެތަނަކީ ކިޔަވަމުން ހިދުމަތް ދެވޭނެ ޓީޗިން ފެސިލިޓީއެއް ގޮތަށް ތަރައްގީކުރާނީ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޑީސީއާއެކު އިއްޔެ ސޮއިކުރި ފްރޭމްވޯކް އެގްރިމަންޓްގެ ދަށުން ހަމަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލުގެ ކޮންސެޕްޓް ތައްޔާރުކުރުމަށްފަހު ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި އެ ކޮންސެޕްޓްގައި ހޮސްޕިޓަލުގެ އެނދުގެ އަދަދާއި ދޭނެ ހިދުމަތްތަކާއި އެނޫން ވެސް ހުރިހާ ތަފުސީލެއް ހިމަނާނެ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަދާ ކޮންސެޕްޓް ހުށަހެޅުމުން ހޮސްޕިޓަލް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ. މިވަގުތު ހޮސްޕިޓަލާ ބެހޭ ތަފުސީލެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އާ ހޮސްޕިޓަލް އަޅަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް ހަމަޖެހޭނެ ކަމަށެވެ.

އޭޑީކޭއިން އެ ހޮސްޕިޓަލްގެ ކޮންސެޕްޗުއަލް ޑްރޯވިން ތައްޔާރުކުރުމަށް ރިޔަން ޑިޒައިންއާ ހަވާލުކޮށްފަ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިހާރު ވެސް ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ދިވެހި މަހުޖަނުންގެ ގްރޫޕެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން އަންނަނީ ހިންގަމުންނެވެ.