ދިވާލީއާ ދިމާކޮށް ބޮލީވުޑްގައި އެންމެ ކާމިޔާބު ދެ ތަރިން ކަމަށްވާ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު މިވަނީ ރިލީޒް ކޮށްފަ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދިވާލީ ބަންދާ ދިމާކޮށް އިއްޔެ ސިނަމާތަކަށް ގެނައި ދެ ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް" އާއި އަކްޝޭ ކުމާރުގެ "ރާމް ސެޓޫ" އަށް އަންނަނީ ރަގަޅު ތަރުހީބެއް ލިބެމުންނެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި އަބީޝެކް ޝަރުމާ ޑައިރެކްޓްކުރި ފިލްމުގެ ޕްލޮޓް ވަރަށް ޝައުގުވެރި ނަމަވެސް، ސްކްރީންޕްލޭގައި ހުރި ދޯދިޔާކަމުގެ ސަބަބުން "ރާމް ސެޓޫ" ގެ އިންޓަވަލްގެ ފަހު ބައި އެހާ ކަމަކު ނުދެ އެވެ. އެކަމަކު ފިލްމުގެ ޕްލޮޓް ރަނގަޅުވުމާއި ތަރިންގެ އެކްޓިން ރަނގަޅުކަމުން ފިލްމަށް ބޮކްސް އޮފީހުގައި ސަލާމަތްވެވިދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ކާސްޓްގައި ޖެކްލީން ފެނަންޑޭޒާއި ނުޝްރަތު ބަރޫވާ ވެސް ހިމެނޭ "ރާމް ސެތޫ" އަށް ތަރަން ދީފައި ވަނީ ފަސް ތަރިން ދޭއް ބައިގެ ރޭޓިންއެކެވެ.
މިއަހަރު އަކްޝޭ ކުރިން ނިކުން ހަތަރު ފިލްމުވެސް ބޮކްސް އޮފީހުގައި ވަނީ ފްލޮޕް ވެފަ އެވެ.
އަޖޭގެ "ތޭންކް ގޯޑް" އަކީ ބެލުންތެރިން ހީހީ ހަލާކުވާ ޒާތުގެ ކޮމެޑީއެކެވެ. މި ފިލްމަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ އިންދަރު ކުމާރުގެ ޑައިރެކްޝަނެކެވެ. "ތޭންކް ގޯޑް" ގެ ކާސްޓްގައި ސިދާތު މަލްއުތުރާ އާއި ރަކުލް ޕްރީތު ސިންގް ވެސް ހިމެނެ އެވެ. އަދި މި ފިލްމަކީ ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ވެސް ހިމެނޭ ފިލްމެވެ.
"ތޭންކް ގޯޑް" އަށް ތަރަން ފަސް ތަރިން ދީފައި ވަނީ ތިން ތަރީގެ ރޭޓިންއެކެވެ. މި ފިލްމަކީ މި އަހަރު ރިލީޒްވި އަޖޭގެ ހަތަރު ވަނަ ފިލްމެވެ.