އާންމުންގެ އަތުން ނަގާ ޖީއެސްޓީއާއި ޓީޖީއެސްޓީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބޮޑުކުރުމަށް ތާއީދުނުކުރައްވާ ސަބަބުތައް ރައްޔިތުންގެ މަޖިލީހުގެ ތ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެ ދެއްވައިފި އެވެ.

ޣައްސާން މި ވާހަކަތައް ހާމަކުރެއްވީ ޓެކުސްތައް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން މިއަދު ކުރެއްވި ސިލްސިލާ ޓުވީޓުތަކެއްގަ އެވެ.

ޣައްސާން ވިދާޅުވީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރާއިރު، ސާފުނުކުރާ ތެޔޮ ބައިނަލްއަގްވާމީ ބާޒާރަށް ނެރޭ މިންވަރު މަދުކުރުމުން ދިވެހިރާއްޖޭގެ އެތެރޭގެ އިންފުލޭޝަނަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ޓުއަރިޒަމް ދާއިރާގެ ވިޔަފާރިތައް ތަމްސީލުކުރާ މަޓީއާއި ގެސްޓްހައުސް އެސޯސިއޭޝަނުން ޓެކްސް ބޮޑުކުރުމާ ދެކޮޅުހަދައި އިހުތިޖާހުކުރަނީ ޓެކްސް ބޮޑުކޮށްފިނަމަ، ބުކިންތައް ގެއްލި އާމްދަނީ އުނިވާނެތީކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ފާހަގަކުރެއްވީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ ކުދި ވިޔަފާރިތަކަށެވެ.

ޣައްސާން ފާހަގަކުރީ ބޮޑެތި ވިޔަފާރިތަކަށް ޓެކުސް ދެއްކުން ފަސްކުރަން އެކި ކަހަލަ ފުރުސަތުތައް އޮންނަ ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފުރުސަތުތައް އޮތުމަކީ ލިބެންޖެހޭ އާމްދަނީ ހޯދުމުގައި ސަރުކާރު ނުކުޅެދުންތެރިވެފައިވާކަމުގެ ހެއްކެކެވެ.

އޭނާ ވިދާޅުވީ އިގްތިސާދަށް އަލުން ދިރުން ގެނެސް ބަޖެޓުގެ ހަރަދުތަކާއި އާމްދަނީގެ ފަރަޤުކުޑަކުރުމަށް ހަރަދުތައް ކުޑަކުރަން އިހްލާސްތެރިކަމާއެކު ބުރަދަންހުރި ފިޔަވަޅުތަކެއް އެޅިފައިނުވާ ކަމަށެވެ. އަދި އިގްތިސާދީ ހީނަރުކަމުގެ ވަގުތުގައި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ ސިޔާސަތުތަކާއި ހޭދަކުޑަކުރުމުގެ ސިޔާސަތެއް ތަންފީޒުވެފައި ނެތް ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ފާހަގަކުރެއްވީ ހަރަދުކުޑަކުރުމުގެ ވާހަކަތަކާއެކު ހަނދާނަށް އަންނަނީ، ރިޔާސީ ވައުދުތަކާއި ސިޔާސީ ވަޒީފާތަކާއި މަގާމުތަކުގެ އަދަދާއި، ދައުލަތުގެ ހަރަދުގައި ބާއްވާ ރައީސް ބައިވެރިވެވަޑައިގަންނަވާ ހަފުލާތަކާއި ދަތުރުފުޅުތައް ކަމަށެވެ.

އިދިކޮޅުންވަނީ މަޖިލީހުގައިވެސް ޓެކްސް ނެގުމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ. އެގޮތުން މުއްސަނދިންގެ އަތުން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ހުއްޓާ ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ އަނިޔާއެއް ކަމަށް އިދިކޮޅުން ފާހަގަކުރެ އެވެ.