ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާ އަދުވާނީ ތެލެގޫ ފިލްމުގެ ޝޫޓިންއަކަށް ނިއުޒިލޭންޑަށް ދިއުމަށް ތައްޔާރުވެއްޖެ އެވެ.

މި ފިލްމުގައި ކިއާރާއާއެކީ ފެނިގެންދާނީ މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން އެވެ. އަންނަ މަހު ފިލުމުގެ ކްރޫ ނިއުޒިލޭންޑަށް ދާއިރު މި ފިލްމުގެ ބައެއް މަންޒަރުތައް އެ ގައުމުގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަން އިއުލާން ނުކުރާ ފިލްމުގެ ނިއުޒީލޭންޑް ޝެޑިއުލް ނިންމާލާއިރު، ފިލްމުގެ ޝޫޓިން އޮންނާނީ އެއްކޮށް ނިމިފައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ފިލްމުގެ ބަތަލު ޗަރަންގެ ނަމުގެ ފެށޭ ދެ އަކުރު ހިމަނައިގެން ވަގުތީ ނަމަކަށް "އާރްސީ 15" ގެ ނަމުގައި ހަދަމުން އަންނަ މި ފިލްމަކީ "ރޮބޮޓް" އާއި "އިންޑިއަން" އަދި "ނަޔަކް" ފަދަ ފިލްމުތައް ގެނެސްދިން މަޝްހޫރު ތަމަޅަ ޑައިރެކްޓަރު ޝަންކަރް ހަދާ ޕޮލިޓިކަލް ތުރިލާއެކެވެ.

ޝަންކަރްގެ އާ ފިލްމުގައި ޗަރަން އާއި ކިއާރާ ލީޑް ރޯލު ކުޅޭ އިރު، ޗަރަން އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ އެއް ބަތަލެވެ. އޭނަ އަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންވީގެ ދަރިއެކެވެ.

ކުރިން ވެސް އިންޑިއާގެ ދެކުނުގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ކިއާރާ އަކީ ބޮލީވުޑްގައި މި ވަގުތު ތިބި އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރެއިން އެކެކެވެ. މި އަހަރު ރިލީޒްވި އޭނަގެ ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ" އާއި "ޖުގް ޖުގް ޖިއޯ" ހިމެނެ އެވެ.