ސިންގަޕޫރު (03 ޑިސެމްބަރު) - ޑިޕެންޑެންޓް ވިސާގައި ރާއްޖެއިން ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ސިންގަޕޫރުން ބުނެފި އެވެ.

ސިންގަޕޫރުގެ ހެލްތް މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހު އެ ގައުމުގައި ރިކޯޑް ކުރެވިފައި ވަނީ ޖުމްލަ 8 ކޮވިޑް ކޭސް ކަމަށެވެ. އަދި ހުރިހާ ކޭސްތަކަކީީ ވެސް ބޭރުން އެގައުމަށް އެތެރެވި މީހުންގެ ތެރެއިން ހޯމް ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި މީހުންގެ ފަރާތުން ފެނުނު ކޭސްތަކެއް ކަމަށް ވެސް ބުންޏެވެ.

އެ މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތް، އިންޑިއާ، ނޭޕާލްއިން އެތެރެވި އެގައުމުގެ ހަ މީހުންނާއި އެމެރިކާ އަދި ދިވެހިރާއްޖެއިން އެެތެރެވި ދެ މީހުންނެވެ. އެއީ ރާއްޖެއިން ދިޔަ ދިވެއްސެއް ކަމެއް ސާފެއް ނުވެ އެވެ.

އެ މީހުންގެ ތެރެއިން އެކަކުގެ ފަރާތުން ކޮވިޑް އަލާމާތްތައް ފެނިފައިވާ ކަމަށާއި އެހެންނަމަވެސް ދެންތިބި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް ގެ އަލާމާތެއް ފެނިފައިނުވެ އެވެ.

ސިންގަޕޫރު ހެލްތް މިނިސްޓްރީން ހާމަކުރާ ގޮތުގައި އެގަމުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 113 އެވެ. މީގެ ތެރޭގައި 28 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންގެންދާއިރު ބާކީ އެންމެން ތިބީ ކަރަންޓީން ފެސިލިޓީ ތަކުގަ އެވެ. ސިންގަޕޫރުގައި ކޮވިޑް ޖެހިގެން 29 މީހުން މަރުވެފައިވާ ކަމަށް ރިކޯޑްކުރެވިފައިވެ އެވެ. – ދި ސްޓްރެއިޓްސް ޓައިމްސް