އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހާޝް ލިމްބާޗިއާ އާއި ދެކޮޅަށް މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރުމަށް މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ކޯޓަށް ހުށައަޅައިފި އެވެ.

2020 ވަނަ އަހަރު ފެންމަތިވި އެ މައްސަލައިގަ އެންސީބީން ވަނީ ދެމަފިރިން މުމްބާއީގައި ދިރިއުޅޭ ގެ ބަލާ ފާސްކޮށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރުއާނާ ހޯދާފައި އެވެ. އަދި މިމައްސަލާގައި ބާރްތީ އާއި ހާޝް ހައްޔަރު ކޮށްފައިވާއިރު އެ ދެމީހުން ދޫކޮށްލާފައި ވަނީ ކަފާލާތުގެ ދަށުންނެވެ.

އެންސީބިއިން ހާމަކޮށްފައިވާ ގޮތުގައި އެގެއިން ފެނިފައިވަނީ 86.5 ގްރާމްގެ މެރުއާނާ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލަ ކޯޓަށް އެންސީބީއިން ހުށައަޅާފައިވާއިރު ބާރްތީ އާއި ހާޝް ދެކޮޅަށް ގިނަ ހެކިތަކެއް ވަނީ ހުށައަޅާފަ އެވެ. އެގޮތުން އެންސީބީއިން 200 ސަފްހާގެ ހެކި ވަނީ ހުށައަޅާފަ އެވެ.

މި މައްސަލައިގަ ހަރްޝް އާއި ދެކޮޅަށް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ އިތުރުން އޭނާގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމުގެ ދައުވާ އުފުލަން ހަމަޖެހިފައިވެ އެވެ. ބާރްތީ އާއި ދެކޮޅަށް އުފުލުމަށް ހަމަޖެހިފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އެވެ.

އާންމުން ވަރަށް ލޯބިވާ ކޮމެޑީއަންގެ ގޮތުގައި މަޝްހޫރުވެފައިވާ ބާރްތީ އާއި ހާޝް ކައިވެނިކުރީ 2017 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް މިއަހަރު ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. ކޮމެޑީ ޝޯތަކުގެ އިތުރުން ބާރްތީ އާއި ހާޝް އަންނަނީ އެހެން ރިއަލިޓީ ޝޯތައް ވެސް ހޯސްޓ ކުރަމުންނެވެ. އަދި މި ދެ ފަންނާނުން ވަނީ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ބައިވެރިވެފަ އެވެ.