އެމްޑީޕީއަށްޓަކައި ދުވަސްކޮޅަކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ލިޔުއްވި މެސެޖެއްގައި ވިދާޅުވީ އެންމެންވެސް މިދަނީ ފަހަތަށް ޖެހެންވާއިރު އެކަން ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންކަން ނިންމަން ރަނގަޅުވާނީ ޕާޓީ ތެރެއިން. ފަޔާ ވެސް ޕާޓީއަށްޓަކައި ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ. އަޅުގަނޑުވެސް އަދި އަޅުގަނޑުމެން އެންމެންވެސް މިދަނީ ފަހަތަށް ޖެހެން ވާއިރު އެކަން ކުރަމުން،" ރައީސް ނަޝީދު ލިޔުއްވާފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމަށް 30 ވޯޓު ހަމަވެއްޖެ ކަމަށެވެ. އަދި އިތުރު ފަސް މެމްބަރަކު އޭނާގެ އިތުބާރު ނެތްކަމަށް ސޮއިކޮށް ގައުމީ މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ރައީސް ނަޝީދު ފެއްޓެވުމާއެކު އެ ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި ބައިބައިވުން އުފެދިފައެވެ. އެގޮތުން ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެއް އެ ޕާޓީގެ ތެރޭގައި އެބައޮތެވެ.

އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން ނޫޅުމަށްވެސް ރައީސް ނަޝީދު މީގެކުރިން ވަނީ ފައްޔާޒަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ނަޝީދު ފައްޔާޒަށް ކުރައްވާ ތުހުމަތު ތަކުގެ ތެރޭގައި މީހުންނަށް ނުފޫޒު ފޯރުވައިގެން ކޮންޓްރެކްޓްތައް ދިނުން ހިމެނެއެވެ. އެފަދަ ކޮންޓްރެކްޓްތަކުގެ ސަބަބުން ތަރައްގީ ލަސްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.