ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމަކީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސާއި ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާ ލައްވައުފަ އެވެ.

މިގޮތުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއިންނާއި، އިގްތިސާދީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެގެން ދިޔަކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. އަދި ޕާކިސްތާނުގެ ސަފީރު ވަނީ، ރައީސަށް އެ މައުލޫމާތު ހިއްސާކުރައްވައި، ދިވެހި ސަރުކާރުން ފާޅުކުރެއްވި އިހްލާސްތެރި ޝުއޫރުތަކަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަގާމުގައި ހުންނަވައި، ރާއްޖެ ްއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ތަޢުރީފު ކުރައްވައިފަ އެވެ.