ވޮޝިންޓަން (13 ޑިސެމްބަރ) - ކޮވިޑް-19 އަށް ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން އެމެންސީގައި ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފެޑެރަލް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދިނުމާއ ގުޅިގެން އެމެރިކާގެ އެކި ކަންކޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ފައިޒާ ފެކްޓްރީގައި ޑްރައި އައިސް އަޅައިގެން ބަންދުކޮށްފައިވާ ވެކްސިން ލޯޑްކުރަނީ އާމާޑް ޓްރަކްތަކަކަށެވެ. މި ޓްރަކްތަކަކީ ދިމާވެދާމެ ހަމަލާއަކުން ސަލާމަތްވުމުގެ ގާބިލްކަން ލިބިފައިވާ ޓްރަކްތަކެކެވެ. އަދި ޓްރަކްތައް ދަތުރުކުރާއިރު އިތުރު ދެ ވެހިކަލް ސަލަމަތީ ކަންކަން ބެލެހެއްޓުމަށް ދަތުރުކުރާނެ އެވެ.

ވެކްސިން ފޯރުކޮށްދިނުމުގައި ދިމާވާނެ އެންމެ ބޮޑު އުނދަގުލަކަށް ވާނީ ވެކްސިން އުފުލާ ޓްރަކްތައް ވެކްސިން ސްޓޯ ކުރުމުގެ ޓެމްޕަރޭޗާ ކަމަށްވާ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި އަބަދުމެ ބަހައްޓަން ޖެހުމެވެ. އެހެންކަމުން ގިނަ އަދަދެއްގެ ޑްރައި އައިސް މިކަމަށް ބޭނުންވާނެ އެވެ.

އެމެރިކާއިން ލަފާކުރާ ގޮތުގައި އަންނަ އަހަރު މާޗް މަސް ނިމެންވާއިރަށް އެ ގައުމުގެ އާބާދީގެ 30 ޕަސެންޓް މީހުންނަށް ވެކްސިން ފޯރުކޮށްދެވޭނެ އެވެ.

ކޮވިޑް ރޯގާ އަދިވެސް އެމެރިކާގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މި ރޯގާގައި އެމެރިކާއިން އެކަނި 298،000 މީހުން މަރުވެފައިވެ އެވެ. – ރޮއިޓާސް