ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
ރީކޯ މޫސަ ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) މިހާރު ހަދަމުން އަންނަ ފިލްމު "ލަސްވިޔަސް" އިންނެވެ.
މިފިލްމުގައި ރީކޯ މޫސަ ފެނިގެންދާ ބައިގެ ޝޫޓިން މިހާރު ނިމިފައިވާއިރު ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޓެޑްރީ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ޓެޑްރީ ބުނީ ފުރަތަމަ ޑައިރެކްޓްކުރި ފިލްމު 1994 ގެ "ދެރިޔާ" އަށް އެތައް އަހަރެއް ފަހުން އަލުން އަނެއްކާ ވެސް "ލަސްވިޔަސް" ގައި މޫސައާ އެކީ މަސައްކަތް ކުރެވިއްޖެ ކަމަށެވެ.
ޓެޑްރީ ބުނި ގޮތުގައި މި ފިލްމުން މޫސަ އަށް ދިން ރޯލަކީ މިދިޔަ އަހަރު މަރުވި އެކްޓަރު ހަސަން މަނިކު (ކޮއްޔަ) ކުޅެން އޮތް ރޯލެވެ.
ޓެޑްރީ ބުނީ "ލަސްވިޔަސް" އަށް ގެންނަން ބޭނުންވީ ކޮއްޔަ ނެތްތަން އެ ފިލްމަށް ފޫބައްދައިދޭން އެންމެ އެކަށޭނެ މީހަކީ ރީކޯ މޫސަ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
"މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތް އެކުވެރި ރަހުމަތްތެރިކަމެއް އޮތް ދެމީހުން. ހަސަން ނެތުމުގެ ހުސްކަން މި ފިލްމުގައި ފޫބައްދަން އެންމެ އެކަށޭނަ ފަންނުވެރިޔަކީ މޫސަ. ޝުކުރިއްޔާ މޫސަ،" ޓެޑްރީގެ ބުނެފައިވެ އެވެ.
މި ފިލްމުގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު އެއް ރޯލުން ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ އެވެ.
މޫސަގެ ފުރަތަމަ ފިލްމަކީ 1990 ވަނަ އަހަރު ރިލީސްކުރި "އިއްތިފާގް" އެވެ. މޫސަ އެންމެ ފަހުން ފެނިފައި ވަނީ 2011 ވަނަ އަހަރު ކޮއްޔަ ހަސަން މަނިކު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "އެ ބައްޕަ" ގެ ހާއްސަ ފެނިލުމަކުންނެވެ.
ފިލްމީ ތަރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު މޫސަ ފަހުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ސިޔާސީ ދާއިރާއިންނެވެ. އެގޮތުން މަޖިލީހުގެ މެމްބަރަކަށް ވަޑައިގެން އެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކޮށްފައިވެ އެވެ. މޫސަ އަކީ މިހާރު ވެސް ސިޔާސީ ދާއިރާގެ ނުފޫޒު ގަދަ ނަމެކެވެ.
ގަތްވަޅަށް މަރުވާން އަންނަކަމަށް އެބުނަނީ މިހެންވެގެންނެވެ. އެހެން ނޫނަސް ކިތަންމެ ސިޔާސީ ހެދިގެން އުޅުނަސް ތިމާއަށް މޮޅަށް އެނގޭކަމަކީވެސް އެއީއެވެ. ދޮގުހެދުމާއި ނެށުމެވެ.