އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ 20 ކްރިކެޓް މުބާރާތުގެ އިންޑިއާ ޓީމުގައި ހިމެނޭ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ ހުރި ކޮޓަރިއަށް ހުއްދައަކާ ނުލައި ވަދެ، އެކޮޓަރި ވީޑިއޯކޮށް އާންމުކުރުމުން އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ ނުރުހުން ފާޅުކޮށްފި އެވެ.
އޮސްޓްރޭލިއާގެ ޕާތުގައި އިންޑިއާ ޓީމުން މެޗު ކުޅުނު އިރު މަޑުކޮށްގެން ތިބީ ކްރައުން ހޮޓެލްގަ އެވެ.
އޭނާ މަޑުކޮށްގެން ހުރި ހޮޓަލުގެ ކޮޓަރިއަށް ސަޕޯޓަރަކު ވަދެ ވަނީ އެ ކޮޓަރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ މީހާ ކޮޓަރިއަށް ވަން ވަގުތު ވިރާޓް އެތާކު ނެތެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އެކަމާ ވިރާޓު ވެސް ވަނި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ވިރާޓު ބުނީ މިއީ އޭނާގެ ޕްރައިވަސީއާ މެދު ހިތުގައި ބިރުވެރިކަން އުފެދޭ ކަމެއް ކަމަށެވެ. އަދި އެ މީހަކަށް އެންމެ ކަމުދާ ކުޅުންތެރިންނާ ދިމާވުމުން މީހުން ވަރަށް އުފާވެ ހިތްއަވަސްވާކަން ގަބޫލުކުރާ ކަމަށް ވެސް ވިރާޓު ވަނީ ބުނެފަ އެވެ. އެކަމަކު އޭނާގެ އަމިއްލަ ތަކެތި ފެންނަ ގޮތަށް ވީޑިއޯއެއް ނަގައި އެ އާންމު ކުރުމަކީ އަމިއްލަ ރައްކާތެރިކަމާ މެދު ސުވާލު އުފެދި ހިތްބިރުގަންނަ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"އަހަންނަށް ވިސްނޭ ގޮތުގައި ސަޕޯޓަރުން އެންމެ ގަޔާވާ ކުޅުންތެރިން ފެނުމުން ވަރަށް އުފާވެ. އެކަން އަބަދުވެސް ގަބޫލުކުރަން. އެކަމަކު މިއީ ބިރުވެރި ކަމެއް. އަހަރެންގެ ޕްރައިވެސީއާ މެދުގައި ސުވާލު އުފެދޭ،" ވިރާޓު ބުންޏެވެ.
މި މައްސަލައިގައި އަނުޝްކާ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިތްހަމަ ނުޖެހިގެން އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ. ބަތަލާ އަނުޝްކާ ބުނީ ކޮންމެ ކަމެއްގައި ވެސް ވަކި ހައްދެއް އޮންނަންވާނެ ކަމަށާއި މިއީ އިންސާނެއްގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
ވިރާޓުގެ ކޮޓަރީގެ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަން ކުށްވެރިކުރަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ފިލްމީ ތަރިންނާއި ވްލޮގަރުން އަދި އިންފުލުއެންސަރުން ހިމެނެ އެވެ. އެ ހުރިހާ އެންމެން ވެސް ބުނަނީ އަނެކާގެ ޒާތީ ދިރިއުޅުމަށް އިހުތިރާމު ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ