ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ދިން ފުރުސަތު ގަބޫލުކޮށް، މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވާން އިދިކޮޅު އެމްޑީޕީ އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒް އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މި ބިލާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ދިނުމަށް ކޮމިޓީއަށް ވަޑައިގަންނަވާނީ އެ ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކަމަށެވެ.

ގިނަ ބައެއްގެ ކަންބޮޑުވުންހުރި މި ބިލު މިހާރު ދިރާސާކުރަމުންދަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީންނެވެ. މި ބިލަށް އާންމުންނާއި ކަމާގުޅޭ ފަރާތްތަކުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 2 ޑިސެމްބަރުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

އާންމު ރައްޔިތުންގެ އިތުރުން، ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް ވެސް އެ މުއްދަތުގެ ކުރިން ޚިޔާލު ހުށަހެޅުމުން، ކޮމިޓީއަށް ހާޒިރުވެ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މި ބިލުގެ ދިރާސާ މަސައްކަތުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ފަދަ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ކޮމިޓީން ތާވަލުކޮށްފައިވަނީ 7 ޑިސެމްބަރު 2026 ގެ ކުރިން ބިލުގެ ދިރާސާ މަސައްކަތް އެއްކޮށް ނިންމުމަށެވެ.

އެ ބިލް ފަރުމާކޮށްފައި ވަނީ ޣައިރު މުސްލިމުންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް ވަޒަންވެރިވެގެން އުޅެވޭގޮތަށެވެ.