ބެންގަލޫރު (14 ޑިސެމްބަރު)- މުސާރަ ނުދިނުމާއި، މަސައްކަތްކުރާ މީހުންގެ ހައްގުތަށް އިހްތިރާމް ނުކުރާކަމަށް ބުނެ އިންޑިއާގެ އައިފޯން އުފައްދާ ފެކްޓްރީއެއްގެ މަސައްކަތްކުރާ ބަޔަކު ހަމަނުޖެހުން ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ބެންގަލޫރު ގައި ހުންނަ ވިސްޓްރޯން އިންފޯކޮމް މެނުފެކްޗަރިން ފެސިލިޓީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މުޒާހަރާކޮށް ގެއްލުން ދީފައިވަނީ ހޮނިހިރު ދުވަހު އެވެ.

އިންޓަނެޓްގައި އާންމުކޮށްފައިވާ ވީޑިއޯ އެއްގައި ފެންނަގޮތުން، ގިނަ އަދަދެއްގެ ބަޔަކު ލަކުޑި ބުރި ހިފައިގެން މި ފެސިލިޓީގެ ތަންތަނަށް ގެއްލުންދޭތަން ފެނެ އެވެ. ފެސިލިޓީގެ ބޭރުގައި ބާއްވާފައި އޮތް ކާރުތަކަށާއި، ސީސީޓީވީ ކެމެރާތަކާއި، ބިއްލޫރި ދޮރުތަކަށް ގެންލުންދޭތަން މި ވިޑިއޯއިން ފެނެ އެވެ. މި ހަމަޖުހުންތަކުގައި ގާތް ގަނޑަކަށް 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ.

އިންޑިއާގެ ހަބަރު ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރުމަސް ވެއްޖެ އެވެ. އަދި އޭގެ އިތުރުން ގިނަ ވަގުތު އެމީހުންލައްވާ މަސައްކަތް ކުރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކަރްނާޓަކާ ސްޓޭޓްގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިގޮތުގައި ހަމަނުޖެހުން ހިންގައި ތަންތަނަށް ގެއްލުން ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެމީހުންގެ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގައި އިންޑިއާއިން ވަނީ މަސައްކަތްތެރީންގެ ބިލަށް އިސްލާހްތަކައް ގެނެސްފަ އެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތްތެރީންގެ ހައްގުތަށް ރައްކާތެރިވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. ނަމަވެސް މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ބިލުގެ ސަބަބުން މަސައްކަތްތެރީންނަށް ވަނީ ގެއްލުމެވެ. އަދި ބިލުގައި ސުލްހަވެރިކަމާއެކު އިޖްތިހާދު ކުރުމުގެ ހައްގުވަނީ ހަނިކޮށްފަ އެވެ. – ޗެނެލް ނިއުސް އޭޝިއާ