ވޮޝިންޓަން (14 ޑިސެމްބަރު) - އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓް އަދި ނޭޝަނަލް ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން އެޑްމިނިސްޓްރޭޝަންގެ އިންޓާނަލް މެއިލްތަކާއި އަދި އިންޓަނެޓްގެ މުއާމަލާތްތައް ރަޝިޔާގެ ހެކަރުން ފާރަލަމުންގެންދާ ކަމަށް ޝައްކުކުރެވިގެން އެކަން ބަލަން ފަށައިފި އެވެ

މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރިޕޯޓްކުރާގޮތުގައި ޓެކްސަސްގެ އައިޓީ ކުންފުނި ސޮލާ ވިންޑްސް އިން މާޗްމަހު ނެރުނު ސްޕްޓްވެއާ އަޕްޑޭޓްތަކެއް ބޭނުންކޮށްގެން ހަކެރުން ދިޔައީ މި އެޖެންސީތަކުގެ އިންޓާނަލް މެއިލް އަދި އިންޓަނެޓްގެ ހަރަކާތްތައް މޮނިޓާ ކުރަމުންނެވެ.

ސޮލާ ވިންސްގެ ވެބްސައިޓްގައި ވާގޮތުން އެމީހުން ކަސްޓަމަރުންގެ ގޮތުގައި އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިތަކާއި، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި، އެމެރިކާގެ އަސްކަރީ ބްރާންޗްތަކާއި، އަދި އެމެރިކާ ރައީސްގެ އޮފީސް ވެސް ހިމެނެ އެވެ. އެހެންކަމުން ހެކަރުންނަށް ވަދެވިފައިވަނީ ކިހާ ހިސާބަކަށް ކަމާއި އަދި ވަގަށް ނަގާފައިވަނީ ކިހާ މައުލޫމާތެއް ކަމެއް ނޭގެ އެވެ.

އެ ފަރާތްތަކުން ބުނި ގޮތުގައި މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރަން ވަނީ ފަށައިފަ އެވެ. އަދި މިކަމާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ވެސް ބާއްވާފައިވެ އެވެ. މިކަމަކީ އެމެރިކާގެ ސަރުކާރުގެ މުވައްސަސާތަކަށް ފާރަލުމަށް ރަޝިޔާއިން އަޑީގައި އޮވެގެން ހިންގާކަމެއް ކަމަށް ގަބޫލުކުރެ އެވެ. އަދި އަލަށް ހޮވުނު ރައީސް ޖޯ ބައިޑެން ސަރުކާރާ ހަވާލުވާން ތައްޔާރުވާ މި ދަނޑިވަޅުގައި މިކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށް މި ފަރާތްތަކުން ބުނެ އެވެ.

ކޮމާސް ޑިޕާޓްމަންޓުން ވަނީ މި ފަދަ ކަމެއް ފާހަގަކުރެވިގެން ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީ އަދި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަން ހާމަކޮށްފަ އެވެ. އަދި ތަހްގީގްކުރަމުންދާ މައްސަލައެއްކަމުން އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ހާމަކޮށްފައިވެ އެވެ. –ޗެނެލް ނިއުސް އޭޝިއާ