މާބޮޑަށް ފިކުރު ބޮޑުވެ ސްޓްރެސްވުމަކީ އިސްތަށިގަނޑު އަވަހަށް ނުރަވާން ދިމާވާ ސަބަބެއް ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ހާވާޑު ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން ހެދި މި ދިރާސާއިން ދައްކާ ގޮތުން، އިސްތަށިގަނޑުގެ ކުލަ މުށި، ކަޅު، ރަތް ނުވަތަ ރީނދޫ ކުލައަށް ބަދަލުވަނީ މެލަނޮސައިޓްސް ކިޔާ ސެލްއެއްގެ ސަބަބުންނެވެ. މީހާ މާބޮޑަށް ސްޓްރެސް ވުމުން މި ސެލްއާ ގުޅިފައި ހުންނަ ސްޓެމް ސެލްތައް މާބޮޑަށް މަސައްކަކުރުމަށް ދިމާވާ ކަމަށްވެ އެވެ.

ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑުގެ ކުލަ އަޅިއަށް ބަދަލުވެ އެވެ. އަދި ހަށިގަނޑަށް ކުރިމަތިވާ ނުރައްކަލަކުން ދިފާއު ވުމަށް ހަޑިގަނޑުގެ ނާރުގެ ނިޒާމު މަސައްކަތް ކުރާ ގޮތަކުންވެސް އިސްތަށިގަނޑު ނުރަ ވުމަށް ދިމާވެދާނެ ކަމަށް މި ދިރާސާއިން ދައްކަ އެވެ.

މި ދިރާސާ ހެދި ޓީމުގެ ލީޑަރު ވިދާޅުވީ، މި ދިރާސާއަކީ ކަންބޮޑުވުމުން އިސްތަށިގަނޑުގެ ނުރަވާ ކަމަށް ކަށަވަރު ކުރެވުނު ފުރަތަމަ ދިރާސާ ކަމަށެވެ. އެގޮތުން މީދާ ބޭނުންކޮށްގެން ހެދި މި ދިރާސާގައި ކަންބޮޑުވުމުގެ ސަބަބުން، އެންމެ ފަސް ދުވަހުގެ ތެރޭގައި މީދާތަކުގެ ސްޓެމް ސެލްތަކުގެ މަސައްކަތް ބަދަލުވި ކަމަށް ވިދާޅުވި އެވެ.

މާ ބޮޑަށް ވިސްނާނަމަ އަވަހަށް މުސްކުޅި ވާނެ ކަމަށް ދިވެހިންގެ ތެރޭގައި ބުނެ އުޅެ އެވެ. އެކަން މިއޮތީ ސައިންސުން ސާބިތު ކޮށްދީފަ އެވެ.