އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ އިންޑިއާ ބަލިކުރާނެ އިންތިހާބެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި އެތެރޭގެ އިންތިހާބު ކުރިއަށްދިޔަ ވަގުތު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ އިންތިހާބަކީ ވަރަށް ޑިމޮކްރެޓިކްކޮށް ކުރިއަށްދިޔަ އިންތިހާބެއް ކަމަށެވެ. އަދި އެއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފެށުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިމަތީގައި މި އޮތީ 2023ގެ އިންތިޚާބު. މި އިންތިޚާބަކީ އިރާދަކުރެއްވިިއްޔާ އަޅުގަނޑުމެން އިންޑިއާ ބަލިކުރާނެ އިންތިޚާބު،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ޑިމޮކްރެސީގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެ ޕާޓީން ވަނީ ރާއްޖެ ވިއްކާލާފައި ކަމަށެވެ. އަދި މީގެ ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އެ ޕާޓީން އަމަލުކުރި ގޮތްތަކަށް ޔާމީން ވަރަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓު ދެނީ. ނޫނީ އުވަގަށާ މެޝިނުގައިތޯ އަޅުގަނޑުމެންގެ ވޯޓު ކަރުދާސް މިހުރީ. އަޅުގަނޑުމެންގެ ވޯޓު ކަރުދާސް ނެތެއްނު އުވަގަށާ މެޝިނަކުއެއް. ޓައްޕުތަކުގައެއް، ބާލިދީގައެއް، ނޫނެއްނު މި އެއްޗެހި އުފުލަނީކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފަ އެވެ. ހާއްސަ ޖަލްސާއެއް ބާއްވައި އެ ޕާޓީން ވަނީ ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފަ އެވެ.