މާލޭގައި ބަހުގެ ހިދުމަތް ދޭ ފްލީޓަށް 11 މީހުންގެ ޖާގައިގެ އިލެކްޓްރިކް ބަސް އެމްޓީސީސީން ގެނެސްފި އެވެ.
މިއީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ދޭން އިލެކްޓްރިކް ވެހިކަލްތަކެއް އާއްމުކޮށް ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
އާރުޓީއެލްގެ ނަމުގައި މާލޭގައި ބަހުގެ ހިދުމަތް ދޭ ކުންފުނިން މިރޭ ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސް ނަންގަވައިގެން ކުރިޔަށް ގެންދާ "ނެޓް ޒީރޯ ބައި 2030"ގެ ދަށުން އިލެކްޓްރިކް ހަ ބަސް ގެނެސްފައިވާ ކަމަށެވެ. އަދި އެ ބަސްތައް ބޭނުންކުރަން ނިންމާފައި ވަނީ މާލޭގައި ދުއްވުމަށް އެކަނި ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ބަސްތަކުގައި ފުރޮޅުލީ ގޮނޑިއާއެކު ދަތުރުކުރެވޭނެ ކަމަށެވެ.
އެމްޓީސީސީން ބުނީ އެ ބަސްތަކުގެ ސަބަބުން ވިހަ ދުން މަދުވުމުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށެވެ.
އެ ކުންފުނިން މި ވަގުތު މާލެ އާއި މާލެ ސަރަހައްދުގައި ވެސް ދުއްވަނީ އިންޖީނުލީ ބޮޑެތި ބަސްތަކެވެ.
މާލޭގައި އާރްޓީއެލް މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެފަހުން 4 ހަފްތާ ވަންދެން ހިލޭ މި ހިދުމަތް ފޯރުކޮށްދީފައިވާއިރު، މި ހިދުމަތް ވެފައި ވަނީ އާންމުން ވަރަށް ބޮޑަށް ބަލައިގަތް ހިދުމަތަކަށެވެ.
ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ފޯރުކޮށްދޭނެ އެވެ. ބަހުގެ ހިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުން ވެސް ލިބޭނެ އެވެ.
މިނީ ބަހުގެ ދަތުރަކަށް ނަގަނީ 7 ރުފިޔާ އެވެ.
ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.
މިނީ ބަސްތަކަށް ފައިސާ ދައްކަން ޖެހެނީ އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގުމަށްފަހު އެވެ.