އެއް ފައިގެ އެހީގައި އިއްޔެ ފުޓުބޯޅަ މެޗެއް ކުޅެގެން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އުމުރުން ހަތް އަހަރުގެ އަހުމަދު ޝަވަން މުހައްމަދަށް ފައެއް ޖެހުމަށް، އެންސްޕާއިން އެހީވާން ނިންމައިފި އެވެ.

ބަނޑަށް ފަސް މަހުގައި ސިޒޭރިއަން ހަދައިގެން ނެގިއިރުވެސް ޝަވަންގެ ކަނާތުފައި ފުރިހަމައެއް ނުވެ އެވެ. އޭނާ ދަނީ އެއްފައިގެ އެހީގައި އެހެން މީހުންނަށް ނަމޫނާ ދައްކަމުންނެވެ.

އެންސްޕާއިން މިއަދު ވަނީ ޝަވަންގެ މަންމައަށް ގުޅައި އޭނާގެ މެޑިކަލް ލިޔުންތައް ހުށަހެޅުމަށް އެދިފަ އެވެ. ވީޑިއޯ ކޯލަކުން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ މަކުނޫދު ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވަނީ ޝަވަންއަށް ގުޅުއްވައި، އެ ކުއްޖާގެ ހިތްވަރަށް ތައުރީފް ކުރައްވާފަ އެވެ.

ޔޫތު މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަވަން ކުޅިވަރު ކުޅުމަށް ބޭނުންވާނެ، ޕްރޮސްތެޓިކް ފަޔެއް ނުވަތަ ރަނިން ބްލޭޑެއް ހޯދައިދެއްވާނެ ކަމަށެވެ.

ޝަވަންގެ އާއިލާއިން ބުނިގޮތުގައި މިހާތަނަށް އެކަން ކުރެވިފައިނުވަނީ މާލީގޮތުން ތަނަވަސްކަން ނެތުމުންނެވެ. ނަމަވެސް މިއަދު އެފަދަ މަގެއް ފަހިވި ކަމަށްޓަކައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ ތިބީ ވަރަށް އުފަލުންނެވެ.