ގޫގުލްގެ ހިދުމަތްތަކަށް ބުރޫ އަރައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޫގުލްގެ ހިދުމަތްތައް ކަމަށްވާ ޔޫޓިއުބް، ޖީ މެއިލް، ގޫގަލް ޑްރައިވް، ޕްލޭސްޓޯރު، މެޕްސް އަދި ގޫގުލް ކްލާސްރޫމް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި މިއަދު މެންދުރުން ފެށިގެން ދޮޅުގަޑިއިރަށޤ މެދެކެނޑުމެއް އައިސްފައިވާކަމަށް ދުނިޔޭގެ އެކިހިސާބުތަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ގޫގަލް ސާޗް އިންޖިންއަކަށް މިކަމުގެ އަސަރެއްކޮށްފައިވާ ކަމަކަށް ނުބެލެވެ އެވެ.

ޖީމެއިލްއަކީ 1.5 ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ހިދުމަތެކެވެ. މި ހިދުމަތް ބޭނުންކުރާ ގިނަ ބަޔަކަށް މެއިލްގެ މައްސަލަ ދިމާވި ކަމަށްވެ އެވެ.

ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް "ޓެމްޕަރަރީ އެރާ" ފަދަ މެސެޖްތައް އެގަޑީގައި ފެނިފައިވެ އެވެ. ނުވަތަ "ސަމްތިން ވެންޓް ރޯންގް" ފަދަ މެސެޖްތައް ކަސްޓަމަރުންނަށް ފޮނުވާފައިވެ އެވެ.

ހިދުމަތްތަކަށް ބުރޫ އެރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ހިދުމަތް ބޭނުންކުރާ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. ހާއްސަކޮށް އީމެއިލް އަދި ކަލަންޑަރު ބޭނުންކުރާ ފާރާތްތަކަށެވެ.

ގޫގުލް އިން ޑޭސްބޯޑުގައި ނެރުނު ބަޔާނުގައި މި ފަދަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ގޫގުލްއިން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް މައްސަލަ ދިމާވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. – ބީބީސީ