ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލެވޭނެ ފުރުސަތު ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ފަހިކޮށްދީފި އެވެ.

މިގޮތުން ނެޝެނަލް ސެންޓާ ފޯ ދި އާޓްސްއިން އިންތިޒާމުކޮށްގެން ސީ ޕްލޭން ޓާމިނަލްގައި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް މިހާރު ކުރިޔަށްގެންދާ އެގްޒިބިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ބައްލަވާލައްވައިފަ އެވެ.

މިއީ، ރާއްޖޭގެ ފުންނާބު އުސް އަދި ކުރި އަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނޫވިލު ސީޕްލޭން ޓާމިނަލްގައި ކުރިޔަށް ގެންދާ ޙަރަކާތެކެވެ.

މި ސީ ޕެލޭން ޓާމިނަލްގެ 12 ޕެނަލެއްގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުންތަކުގެ ތެރޭގައި ނެޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ 20 ކުރެހުމެއް ހިމެނެ އެވެ.

ދިވެހި ފަންނުވެރިންގެ ކުރެހުންތައް ސީ ޕްލޭން ޓާމިނަލްގައި ދައްކާލުމަށްޓަކައި ބެހެއްޓުމުގެ ބޭނުމަކީ އެތަނަށް ޒިޔާރަތްކުރާ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކަށް ފަންނާނުންގެ މަސައްކަތްތައް އިޝްތިހާރުކޮށް އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމެވެ. މީގެ އިތުރުން، މިއުޒިކީ ފަންނާނުންނަށް ވެސް މި ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ ހުނަރުތައް ދެއްކުމުގެ ފުރުސަތު ވަނީ ފަހިކުރެވިފަ އެވެ.

މި މައުރުޒު ބައްލަވާލެއްވުމުގެ އިތުރުން ރައީސް ސޯލިހު ވަނީ ފަންނުވެރިންނާއި، ކަމާ ގުޅޭ ޖަމުޢިއްޔާތަކުގެ ބޭފުޅުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައި ފަންނުވެރިންގެ އުފެއްދުންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ. މި ފަހިކުރެވިގެންދާ ޕްލެޓްފޯމަކީ ފަތުރުވެރިން ރާއްޖެ އަންނަ ޕީކް ސީޒަންގައި ފަންނާނުންނަށް ހުޅުވިފައި ހުންނާނެ ފުރުސަތެކެވެ.