ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދޭން އަޅާފައިވާ ކަރަންޓް ކޭބަލެއް ބުރިވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި މިއަދު ބަޔަކު ތާށިވެއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގައި ގެއްލުންލިބުމުގެ ސަބަބުން ކަމަށެވެ. އަދި އެކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހިޔާޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަސައްކަތަށް ހޭދަވާނީ ދެ ގަޑިއިރު ކަމަށް ބެލެވޭ،" ސްޓެލްކޯއިން ބުންޏެވެ.

ހިޔާ ޓަވަރު ފަހެއްގައި ދިރިއުޅޭ މީހަކު ބުނީ ކަރަންޓުގެ އިތުރުން ފެނުގެ ހިދުމަތް ވެސް މެދުކެނޑުނު ކަމަށެވެ. ނަމަވެސް މިހާރު ފެން ލިބެން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.

ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގެ ތެރޭގައި ތިބި ތިން މީހަކަށް ނުނިކުމެވިގެން ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.