ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ 60 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

ކެނެޑާއިން ގެނައި ޑި ހެވިލަންޑް ޑީއެޗްސީ - 6 ޓުވިން އޮޓާ މަރުކާގެ ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހަވީރު އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ގާތްގަނޑަކަށް އެއް މިލިއަން ފަސިންޖަރުން އުފުލުން ކަމަށެވެ. އަދި އެ އެއާލައިނުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ހިދުމަތް ހޯދާ މީހުންގެ އިތުބާރު ދެމެހެއްޓުމަށް ހާއްސަ އިސްކަމެެއް ދީގެން މަސައްކަތްކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"ރާއްޖޭގެ ޓޫރިޒަމަށް ކުރިއަށް އޮތް އަހަރަކީ އުފާވެރި އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރަން. އާ ޕްރޮޕަޓީތަކާއެކު އަންނަ އަހަރު ޓީއެމްއޭގެ ޕާޓްނަރުންނާއި މުޅި އިންޑަސްޓްރީއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނާނަން،" ޓީއެމްއޭ އިން ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް މިއަހަރަކީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްވި އަހަރެއް ކަމަށް އެ ކުންފުނިން ދެކެ އެވެ. އެގޮތުން 30 އަހަރަށް ފަހު ޓީއެމްއޭގެ އަމިއްލަ ބޭސްއިން ސީޕްލޭން އޮޕަރޭޓް ކުރުމަށްފަހު ޒަމާނީ ފެންވަރަށް ހެދި އާ "ނޫވިލު ސީޕްލޭން ޓާމިނަލް" (އެންއެސްޕީޓީ) އަށް ވަނީ ބަދަލުވެފައިވާކަން ޓީއެމްއޭ އިން ފާހަގަކުރެ އެވެ.

ޓީއެމްއޭ އިން ބުނިގޮތުގައި އާ ޓާމިނަލްއަކީ ދެގުނަ ބޮޑު ތަނަކަށް ވުމުން އެއީ ސީޕްލޭންގެ ދަތުރުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ދެކެ އެވެ.