ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ކަނޑުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ ކ. ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން، ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ. އަދި، އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" އެ ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އިއްޔެ 5:25 ހާއިރު ވަނީ ގެނެސްފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންކަމަށެވެ.

އެމްއެންޑީއެފްއިން ވަނީ "އަސަރީ" ދޯނީގެ ކެޕްޓަނާއި ފަޅުވެރީން މި ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި، ދިވެހި މަސްވެރީންގެ ފަރާތުން ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފާހަގަކޮށް، ޝުކުރު އަދާކޮށްފަ އެވެ.