ރާއްޖޭގެ ޖަލުތަކަށް ގަވާއިދާ ޚިލާފަށް އެއްޗެހި ވެއްދުމާއި، އަދި އެކި ކަންކަމުގައި ގާނޫނާ ހިލާފުވާ ޖަލު އޮފިސަރުންނާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.
ޖަލުތަކަށް ފޯނާއި މަސްތުވާތަކެތީގެ އިތުރުން ޖަލަަށް ވެއްދުން މަނާ ތަކެތި ވަައްދައި ގާނޫނާއި ޚިލާފު ކަންކަން ހިނގާދިއުމަކީ މިހާތަނަށް ހައްލުނުވެ ހުރި މައްސަލަތަކެވެ.
ކޮމިޝަނާ، އަހުމަދު މިކަމާއި ގުޅިގެން "ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިފަދަ މައްސަލައެއްގައި މި ހަފްތާ ވެސް ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު އަތުލައިގަނެ، ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިފަދަ މައްސަލަތަކަކީ ރާއްޖޭގައި ޖަލުތައް ހިންގަން ފެށުނީއްސުރެއް މޫ ލާފައިވާ ބޮޑެތި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި މިކަންކަމުގައި ފުލުސް އޮފިސަރުންގެ އަތެއް ވާކަން ގަބޫލުކުރައްވާ ކަމަށް ވެސް އަހުމަދު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިކަންކަން ހުއްޓުވުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ވެސް މިފަދަ ކަންކަމުގައި ހަރަކާތްތެރިވާ މީހުން ދެނެގަނެވިފައިވާ ކަމަށާއި، އެއިން ބައެއް އޮފިސަރުންނާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މިކަމުގައި ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ މުވައްޒަފަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ހެއްކެއް ހޯދުން ކަމަށެވެ. އަދި އޭގެ ކުރިން އެބަޔަކާއި މެދު ފިޔަވަޅު ނޭޅޭކަން އަހުމަދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އެޑްމިޓްކުރަން އޮފިސަރުންގެ އަތެއް ވާކަން. އެބަތިބި ހަމަ ފާހަގަވެފަ ބައެއް އޮފިސަރުން. އެކަމަކު އެނގިވަޑައިގަންނަވާނެ މުވައްޒަފަކަށް ފިޔަވަޅެއް ނޭޅޭނެ ޝައްކެއް ވެގެނެއް. އެކަން ވާނީ އެކަށީގެންވާ ވަރުގެ ސޮލިޑް ޕްރޫފެއް އޮވެގެން، އެހެންވެ އޮޕަރޭޝަންތައް މި ހިންގަނީ. ބައެއް އޮފިސަރުންނަށް މިހާރު ވަނީ ފިޔަވަޅުވެސް އަޅާފައި،" އޭނާ ވިދާޅުވި އެވެ.
އެފަދަ އޮފިސަރުން ހައްޔަރުކުރުމަށް އޮޕަރޭޝަނެއް ފެށި ނަމަވެސް ފުރިހަމަ ނަތީޖާއެއް ފެންނަން ގިނަ ދުވަސް ނަގާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި އެކަން އެފަދައިން ވާން ގިނަ ދުވަސްނަގާ ސަބަބަކީ މި މައްސަލަަކަކީ ގިނަ ދުވަސްވެ، މޫލާފައިވާ ކަމަކަށް ވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.