ވޮޝިންޓަން (15 ޑިސެމްބަރު) - އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ ލީޑަރު އަދި ރިޕަބްލިކަން ޕާޓީ ތަމްސީލްކުރައްވާ ޗީޑަރު މިޗް މެކޯނެލް ޖޯބައިޑެންގެ ކާމިޔާބީ އެންމެ ފަހުން ބަލައިގެންފި އެވެ.

ސެނެޓްގައި ވާހަކަ ދައްކަވަމުން މެކޯނެލް ވިދާޅުވީ އެލެކްޓޯރަލް ކޮލެޖް ވޯޓުން ރައީސްއަކު ކަނޑައެޅިއްޖެ ކަމަށެވެ. އެހެންކަމުން ރައީސްކަމަށް ހޮވުނު ޖޯ ބައިޑެން އަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނޮވެމްބަރު މަހު ބޭއްވުނު އިންތިހާބުގައި ބައިޑެންއަށް ކާމިޔާބު ލިބިވަޑައިގެންނެވުމުން ވެސް މެކޯނެލް މަރުހަބާ ދަންނަވާފައި ނުވެ އެވެ. އޭގެ ބަދަލުގައ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ޓްރަމްޕް ވިދާޅުމުން އެކަން ދިފާއުކޮށް މެކޯނެލް ވަނީ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޓްރަމްޕަށް އޮންނަންވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޓްރަމްޕް ހުށަހެޅުއްވި މައްސަލަތައް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހަފުތާގައި ބޭރުކޮށްލާފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެން އަށް ކާމިޔާބު ލިބިވަޑައިގެންނެވުމުން ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ވަނީ ބައިޑެން އަށް މަރުހަބާ ދަންނަވާފަ އެވެ.

ހަ ހަފްތާ ވަންދެން ބައިޑެން އަށް މަރުހަބާ ނުދަންނަވައި މަޑުކުރެއްވުމުން މެކޯނެލް އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. -– ބްލޫމްބާގް