މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސާބިއާއާ ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗުގައި އަނިޔާވި އެ ޓީމުގެ ތަރި ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދެ މެޗު އޭނާއަށް ގެއްލިއްޖެ އެވެ.
ސާބިއާއާ ދެކޮޅަށް އިއްޔެ ރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރިޗާލްސަންގެ ދެ ގޯލުން ބްރެޒިލް ފުރިހަމަ މޮޅެއް ހޯދި ނަމަވެސް, ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ބިރުވެރިކަމަކީ މެޗުގެ 80 ވަނަ މިނެޓުގައި ނޭމާއަށް އަނިޔާވެ، ބަދަލުކުރަން ޖެހުމެވެ.
މެޗަށް ފަހު ބްރެޒިލް ޓީމުގެ ޑޮކްޓަރުން ޓީމުން ވަނީ ލިބުނު އަނިޔާއެއްގެ ސަބަބުން ނޭމާގެ ކުޑަ ހުޅު ދުޅަވެފައިވާ ކަމަށާއި އަނިޔާގެ ކުޑަ ބޮޑުމިން ވަޒަންކުރުމަށް 24 ގަޑިއިރާއި 48 ގަޑިއިރު ދެމެދުގެ ވަގުތެއް ބޭނުންވާނެ ކަމަށް ބުނެފަ އެވެ.
މިއަދު ހެދި ނޭމާގެ އެމްއާރުއައި ރިޕޯޓަށް ބަލައި ބްރެޒިލްގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ރިޕޯޓަރުންނަށް ބުނީ، ނޭމާގެ ކުޑަހުޅުގެ ލިގަމެންޓް ހަލާކުވެފައިވާ ކަމަށެވެ. އަދި ގުރޫޕް ސްޓޭޖުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅޭވޭނެކަން ޔަގީންވެފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެހެން މަސްދަރުތަކާ ހަވާލާދީ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ގުރޫޕް ސްޓޭޖުގައި ބްރެޒިލް އިން ކެމަރޫންއާ ދެކޮޅަށް ކުޅޭ މެޗު ވެސް ނޭމާއަށް ގެއްލޭނެ އެވެ
ގްރޫޕް ޖީގައި ހިމެނޭ ބްރެޒިލް މިވަގުތު އޮތީ ތިން ޕޮއިންޓާ އެކުގައި ގްރޫޕްގެ އެއް ވަނައިގަ އެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން، އެކަމަކު ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ ސްވިޒަލެންޑެވެ. ޕޮއިންޓެއް ނުލިބި ތިން ވަނަ އަދި ހަތަރު ވަނަ ލިބެނީ ސާބިއާއަށާއި ކެމަރޫން އަށެވެ.
އަންނަ ހޯމަ ދުވަހު ބްރެޒިލް ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޑިސެމްބަރު 3 ގައި އެ ޓީމު ނުކުންނާނީ ކެމަރޫން އާ ދެކޮޅަށެވެ.
ނޭމާގެ އިތުރުން ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ވެސް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ އެވެ.