ސައުދީ އަރަބިއްޔާގެ ޔަންބޫއަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ހުއްޓުވާފައިވަނިކޮށް، އަދަނުގެ އެއާޕޯޓަށް މިސައިލް ހަމަލާތަކެއް އަރައިފި އެވެ.

ހުކުރު ދުވަހު ޔަމަނުގެ އަދަން އިންޓަނޭޝަނަލް އެއާޕޯޓަށް މިސައިލް ހަމަލާތަކެއް އަރާފައިވާއިރު، ސައުދީ އަރަބިއްޔާގެ ތެލުގެ މުހިންމު މަރުކަޒެއް ކަމަށްވާ ޔަންބޫއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ސައުދީ ކޯލިޝަނުން ވަނީ ހުއްޓުވާފަ އެވެ. ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫއަކީ ހޮރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ސައުދީން ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ މުހިންމު ބަނދަރެކެވެ.

ސައުދީ ކޯލިޝަނުން ހާމަކުރި ގޮތުގައި، ރަތް ކަނޑުގެ މަތިން ދަތުރުކުރި ކްރޫޒް މިސައިލާއި، ސައުދީގެ ދެކުނުގެ ސަރަހައްދުތަކަށާއި ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ތިން ޑްރޯން ވެސް ވަނީ ގޮއްވާލާފަ އެވެ. ނަމަވެސް މި ހަމަލާތައް ދިނީ ކޮން ބައެއްކަން ކޯލިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ޔަމަނުގެ ދެކުނުގައި އޮންނަ އަދަނުގެ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭގޮތުން އެ ސިޓީގެ ސަލާމަތީ ބާރުތަކުން ބުނީ، އެއާޕޯޓުގެ ސަރަހައްދަށް ދެ މިސައިލް އަރާފައިވާ ކަމަށާއި، މީގެ ޒިންމާ އުފުލަންޖެހޭނީ އީރާނާ ގުޅުން އޮންނަ ހޫތީން ކަމަށެވެ. މިއީ ހަފުތާއެއްގެ ތެރޭގައި އެ އެއާޕޯޓަށް ދިން ދެވަނަ ހަމަލާ އެވެ. ނަމަވެސް ހޫތީން މި ހަމަލާގެ ޒިންމާ އަދި އުފުލާފައެއް ނުވެ އެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. މިސައިލްތައް އެއާޕޯޓަށް އެރި ވަގުތަކީ ގާހިރާއަށް ދަތުރުކުރުމަށް ތައްޔާރުވަމުންދިޔަ ޔަމަނިއާ އެއާވޭޒްގެ ފްލައިޓެއް ފުރަން ތައްޔާރުވެފައި އޮތް ވަގުތެއް ކަމަށް ސަލާމަތީ ފަރާތްތަކުން ބުނެ އެވެ.

ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފަ އެވެ. އެހެންކަމުން، ޔަންބޫއަކީ ސައުދީން ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައި ކުރުމަށް ރަތް ކަނޑު މެދުވެރިކޮށް ބޭނުންކުރާ އެންމެ މުހިންމު މަގެވެ.

މެދުއިރުމަތީގެ ނުތަނަވަސްކަމާއި ސަލާމަތީ ނުރައްކާތަކުގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ހުކުރު ދުވަހު ބްރެންޓް ކްރޫޑް ތެލުގެ އަގު ފާއިތުވި މެއި މަހަށްފަހު ފުރަތަމަ ފަހަރަށް ފީފާއަކަށް 110 ޑޮލަރަށް އުފުލުނެވެ.

ސައުދީގެ ސިވިލް ޑިފެންސް އިދާރާއިން ވަނީ ޔަމަނުގެ ބޯޑަރު ކައިރީގައި އޮންނަ އަބްހާ ސަރަހައްދަށް ހޮނިހިރު ދުވަހުގެ ފަތިހު އިންޒާރު ނެރެފަ އެވެ. މީގެ އިތުރުން ޖާޒާން އަދި ހަމީސް މުޝައިތު ސަރަހައްދަށް ވެސް ވަނީ އިންޒާރު ނެރެފަ އެވެ. ފާއިތުވި މަހު ހަނގުރާމަ އަލުން ވަރުގަދަވި ފަހުން މި ސަރަހައްދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.

ހޮނިހިރު ދުވަހުގެ ފަތިހު ހޫތީންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމަނުގެ ސައާދާގެ އިރުމަތީ ސަރަހައްދުތަކަށް ވެސް ހަމަލާތަކެއް ވަނީ އަމާޒުވެފަ އެވެ. ސައުދީ ކޯލިޝަނުން ބުނީ އެ ސަރަހައްދުގައި ހުރި ބެލިސްޓިކް މިސައިލް ފޮނުވާ ދެ އާލާތެއް ނައްތާލާފައިވާ ކަމަށެވެ.

ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ ކޯލިޝަނާއި ހޫތީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން، އެ ގައުމުގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެހީދޭ ޖަމިއްޔާތަކުން އިންޒާރު ދޭ ގޮތުގައި ޔަމަނުގެ ހާލަތު ދަނީ ވަރަށް ބާރު މިނެއްގައި ގޯސްވަމުންނެވެ.

އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެފައިވާއިރު، ޔަމަނުގެ މައްސަލައަކީ އޭގެ އެއް ބައެވެ. 2014 ވަނަ އަހަރު ހޫތީން ޔަމަނުގެ ވެރިރަށް ސަންއާ ހިފައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރު ދެކުނަށް ފަހާލި އެވެ. ސައުދީ ކޯލިޝަނުން މި ހަނގުރާމައިގެ ތެރެއަށް ވަނީ އޭގެ އަހަރެއް ފަހުންނެވެ. ގިނަ އަހަރުތަކެއް ވަންދެން ހަނގުރާމަ މެދުކެނޑުމެއްނެތި ކުރިއަށްދިއުމަށްފަހު، 2022 ގައި އެކުލަވާލި ސުލްހައިގެ އެއްބަސްވުން މި އަހަރާ ހަމައަށް ދެމިއޮތެވެ.

ހަނގުރާމަ އަލުން ފެށުނު ފަހުން ހޫތީން ދަނީ ސައުދީގެ އެއާޕޯޓުތަކަށާއި، ތެޔޮ މަރުކަޒުތަކަށާއި، އެހެނިހެން މުހިންމު ތަންތަނަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. ފާއިތުވި ދުވަސްތަކުގައި ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކަށް ވެސް ހޫތީން ވަނީ ހަމަލާދީފަ އެވެ.

ހޫތީންގެ ކޮންޓްރޯލް އޮންނަ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ބުނި ގޮތުގައި، ސެޕްޓެމްބަރު 3 އިން ފެށިގެން ސައުދީން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 124 އާންމުން މަރުވެ، 327 މީހުން ވަނީ ޒަހަމްވެފަ އެވެ.