އެމެރިކާގެ މަޝްހޫރު ޓީވީ ސެލެބްރިޓީ ޕެރިސް ހިލްޓަން އާއި އޭނާގެ ފިރިމީހާ ކާޓާ ރަމް ކައިވެންޏަށް އެއްއަހަރު ފުރުން ފާހަގަ ކުރަމަށް މިހާރު ތިބީ ރާއްޖޭގަ އެވެ.

އެ މީހުން ޗުއްޓީ ހޭދަކުރަމުން ގެންދަނީ ރާއްޖޭގެ އެންމެ އަގު ބޮޑު އެއް ޕްރައިވެޓް އައިލެންޑް، ވޯލްޑޯފް އެސްޓޯރިއާ އިތާފުށި ޕްރައިވެޓް އައިލެންޑް ގަ އެވެ.

އެންމެ މަތީ ފެންވަރުގެ އެ ރަށުގައި ފިރިމީހާއާ އެކު ނަގާފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޕެރިސް ބުނީ އެ ރަށަކީ ދުނިޔެ މަތީގެ ސުވަރުގެއެއް ކަމަށެވެ.

ޕެރިސް ބުނާ ގޮތުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށްފި ކަމަށާއި އެހެން ނަމަވެސް ރާއްޖެހާ ރީތި ތަނަކަށް އަދި އޭނާއަކަށް ނާދެވެ އެވެ.

ޕެރިސް ހިލްޓަން އާއި އޭނާގެ ފިރިމީހާ އިތާފުށީގައި.

ޕެރިސް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ރާއްޖެ އައިސްފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހުސްނުވާ ވަރަށް ތައުރީފް އޭނާ ބަންޑުންކޮށްލަ އެވެ. އެންމެ ފަހުން އޭނާ މަޑުކޮށްގެން ހުރީ ބ. އަމިއްލަފުށީގަ އެވެ. އެންމެ ފުރަތަމަ ރާއްޖެ އައިސް ހުރީ ވެލާ ޕްރައިވެޓް އައިލެންޑްގަ އެވެ.

މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ހަދާފައިވާ އިތާފުއްޓަކީ ގަތަރުގެ ވިޔަފާރިވެރިޔަކު ތަރައްގީކުރި ރިސޯޓެކެވެ. މީގެ ތިން އަހަރު ކުރިން ހުޅުވި މި ރިސޯޓު ހިންގަމުން އަންނަނީ، ޕެރިސްގެ އާއިލާ އިން ގާއިމްކުރި ހިލްޓަން ރިސޯޓްސް ގެ އެންމެ އަގު ބޮޑު ބްރޭންޑް ވޯލްޑޯފް އެސްޓޯރިއާ އިންނެވެ. އެ ކުންފުނި މިހާރު ހިންގަނީ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ބްލެކްސްޓޯންއިންނެވެ.

ފެޝަން އައިކަން އަދި ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ޕެރިސް، 41، ކައިވެނި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ލިޔުންތެރިޔާ އަދި ވިޔަފާރިވެރިއާ ކާޓާއާ އެވެ.